ޖަނަވަރީ މަހު މީރާއިން 3.60 ބިލިއަން ރުފިޔާ ބަލައިގަނެފި

ޖަނަވަރީ 2024 ގައި މީރާއަށް 3.60 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން ބުނެފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %5.7 އިތުރު އަދަދެކެވެ. އަދި، ޖަނަވ...

14 Feb 2024 | 05:10

ޖަނަވަރީ 2024 ގައި މީރާއަށް 3.60 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން ބުނެފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %5.7 އިތުރު އަދަދެކެވެ. އަދި، ޖަނަވަރީ 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %12.2 ގިނަ އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޖަނަވަރީ 2023 ގައި ލިބުނު އާމްދަނީ އަޅައިބަލާއިރު ޖަނަވަރީ 2024 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކޯޕަރޭޓް އިންކަމް ޓެކްސް، ޖީ.ޖީ.އެސް.ޓީ، ބޭންކް ޕްރޮފިޓް ޓެކްސް އަދި އެކްސްޕަޓްރިއޭޓް ކޯޓާ ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަދި މީގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ރިޕޯޓްކޮށްފައިވާ އިންކަމް ޓެކްސް ލަޔަބިލިޓީ ގެ ދެވަނަ އިންޓަރިމް ޕޭމަންޓް މިދިޔަ އަހަރާއި އަޅައިބަލާއިރު %18.9 އިތުރުވެފައިވުމެވެ. މީގެ އިތުރުން، ސުންގަޑިއަށް ފައިސާދައްކާފައިވާ މިންވަރު އިތުރުވުމާއި ގުޅިގެން ޖަނަވަރީ 2024 ގައި އިންކަމް ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އިތުރުވެފައިވެއެވެ. އަދި މީގެ އިތުރުން ކޮމާރޝަލް ބޭންކުތަކުން ވަނީ މި މަހުގެ ތެރޭގައި ބޮޑު އިންޓެރިމް ޕޭމަންޓެއް ދައްކާފައެވެ. ހަމަ އެހެންމެ ޖަނަވަރީ 2023 ގެ އާމްދަނީއަށް ބިނާކޮށް ޖީ.ޖީ.އެސް.ޓީގެ އައު ރޭޓަށް ފައިސާ ބަލައިގަންނަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށްވާއިރު، މި އަހަރުގެ ޖަނަވަރީ މަހު އައު ރޭޓުގައި ޖީ.ޖީ.އެސް.ޓީ ބަލައިގަނެފައިވާތީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ބަލައިގަތް އާމްދަނީ ވަނީ އިތުރުވެފައެވެ. މީގެ އިތުރުން އެކްސްޕަޓްރިއޭޓް ކޯޓާ ފީ އިން އާމްދަނީ ނަގަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ މާރިޗު މަހުގައި ކަމަށްވާތީ އެއަހަރުގެ ޖަނަވަރީ މަހު މި އާމްދަނީ ބަލައިގަނެފައި ނުވެއެވެ. ނަމަވެސް ޖަނަވަރީ 2024 ގައި މި އާމްދަނީ ބަލައިގަނެފައިވާތީ މިދިޔަ އަހަރާއި އަޅައިބަލާއިރު ޖުމްލަކޮށް ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ.

ޖަނަވަރީ 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ބަލައިގަތް އާމްދަނީ އިތުރުވެފައިވަނީ، ކޯޕަރޭޓް އިންކަމް ޓެކްސް، ބޭންކް ޕްރޮފިޓް ޓެކްސް އަދި  ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުން ކަމަށް މީރާއިން މައުލޫމާތުދެއެވެ. އިންކަމް ޓެކްސް ލަޔަބިލިޓީގެ ދެވަނަ އިންޓްރިމް ޕޭމެންޓް، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން އަދި ކޮމާރޝަލް ބޭންކުތަކުން ރިޕޯޓްކޮށްފައިވާ އަދަދު، ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދާއި އަޅައިބަލާއިރު އިތުރުވުމުންނާއި ސުންގަޑިއަށް ފައިސާ ދައްކާފައިވާ ރޭޓު އިތުރުވެފައިވާތީ، އިންކަމް ޓެކުހުގެ ޖުމުލަ އާމްދަނީ ވަނީ އިތުރުވެފައެވެ.

ޖަނަވަރީ 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކުހުންނެވެ. އެއީ 46.62% ނުވަތަ 1.68 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީ އިންނެވެ. އެއީ 39.29% ނުވަތަ 1.41 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގެ ގޮތުގައި  99.56މިލިއަން ރުފިޔާ (2.77%)،  އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ ގޮތުގައި 94.62 މިލިއަން ރުފިޔާ (2.63%)، ޑިޕާރޗަރ ޓެކުހުގެ ގެ ގޮތުގައި  92.23މިލިއަން ރުފިޔާ (2.57%)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި  220.38މިލިއަން ރުފިޔާ (%6.13) ލިބިފައިވެއެވެ.

ޖަނަވަރީ 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 16.14 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް