އެމްޑީޕީގެ ޓިކެޓުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާ އަށް ކުރިމަތިލުމަށް އަމީން ފައިސަލް ފޯމު ހުށަހަޅައިފިއެވެ. ދަރުބާރުގޭގައި ހުންނަ އިންތިހާބުގެ މައި މަރުކަޒުގައި މިއަދު ކުރިއަށް ދިޔަ ފޯމު ހުށަހެޅުމުގެ ރަސްމިއްޔާތުގައި އަމީން އަށް ތާއިދުކުރާ ދާއިރާގެ ގިނަ ބަޔަކު ބައިވެރި ވިއެވެ.
އަމީންގެ ކެމްޕެއިން ޓީމުން ބުނާ ގޮތުގައި އޭނާ މަޖިލީހަށް ނުކުންނަނީ ދާއިރާގެ ވަރަށް ގިނަ ބައެއްގެ ތާއީދާ އެކީގައެވެ. ކެންޑިޑެސީ ފޯމް ހުށަހެޅުމުގައި ދާއިރާގެ ހުރިހައި ރަށަކުން މީހުން ބައިވެރިވުމަކީ މި ތާއިދު އަންގައިދޭ ކަމެކެވެ.
އަމީން ފައިސަލް އަކީ އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ ރައީސް އެވެ. އަދި ގައުމީ މަޖިލީހުގެ މެންބަރެކެވެ. ދާއިރާ ރައީސްގެ ހައިސިއްޔަތުން ކަނޑިތީމު ދާއިރާގައި އެމްޑީޕީގެ ހަރަކާތް ހިންގައި ޕާޓީއަށް ތާއިދު ހޯދައިދިނުމަށް އަމީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަމީނަކީ ޕާޓީގެ ހަރަކާތްތަކުން އަބަދުވެސް ފެންނަ މޫނެކެވެ. އަދި ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވާ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް އަބަދުވެސް މަސައްކަތްކުރާ، ގާތް އެކުވެރިއެކެވެ.
ސިޔާސީ ދާއިރާއަށް ނުކުތުމުގެ ކުރިން އަމީން މަސައްކަތް ކުރީ ތައުލީމީ ދާއިރާގައެވެ. ޓީޗަރެއްގެ މަގާމުގައި ށ. އަތޮޅު މަދަރުސާގައި ދިގު މުއްދަތަކަށް ހިދުމަތް ކޮށް، ތައުލީމީ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހޯދާފައި ވެއެވެ. އަދި މި ތަޖުރިބާގެ އަލީގައި ދާއިރާގެ ތައުލީމީ ކުރިމަގު ބައްޓަންކުރާނެ ރަނގަޅު ސިޔާސަތުތަކެއް ކަނޑައަޅާފައި ވާކަމަށް އަމީންގެ ޓީމުން މައުލޫމާތު ދީފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް