ވިލިމާލެއިން ފުރި ތެޔޮ ބޯޓެއްގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ މުހައްމަދު ލިޓަން މަރާލި ކަމުގެ ތުހުމަތު ކުރެވޭ އެ ބޯޓުގެ ކެޕްޓަން ގދ. ތިނަދޫ މަނާރު އުމުރުން 45 އަހަރުގެ މުހައްމަދު ނިޒާމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދެފި އެވެ.
މިދިޔަ ޑިސެމްބަރު 27 ވަނަ ދުވަހު ވިލިމާލެއިން ފުރި ތެޔޮ ބޯޓު ހުޅުލޭ ނެރު ކައިރިން އޮޔާދަނިކޮށް ފެނިފައިވަނީ މިއަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހު އެވެ. އަދި އެ ދުވަހު ވަނީ ވ. ވެންފަރު ކައިރިން އޮޔާދަނިކޮށް އިންސާނެއްގެ ހަށިގަނޑު ފެނިފައި އެވެ.
އެ ހަށިގަނޑުގެ ޑީއެންއޭ ޓެސްޓު ހެދި ނަމަވެސް އެއީ ލިޓަންގެ ހަށިގަނޑުކަން އަދި ޔަގީނެއް ނުކުރެވެ އެވެ. އެ ހަށިގަނޑު އިއްޔެ ވަނީ ވަޅުލާފައި އެވެ.
ނިޒާމު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ މާލޭ ގެސްޓު ހައުސް އަކުންނެވެ. އޭނާ މާލޭގައި ހުރިކަން ސޯޝަލް މީޑިއާގައި މީހަކު ހާމަ ކުރި ފަހުން ފުލުހުން އޭނާ ހޯދުމަށް ފަހު ބުނީ މީހެއްގެ މަރެއްގެ ތުހުމަތުގައި ނިޒާމް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި 60 ދުވަހަށް މުއްދަތު ޖަހާފައިވެ އެވެ.
ލިޓަން މަރާލި ކަމުގެ ތުހުމަތު ނިޒާމަށް ކުރާ ކަމަށް ފުލުހުން ރަސްމީކޮށް ހާމަ ނުކުރި ނަމަވެސް މިއަދު ޕީޖީ އޮފީހުން "ދުވަސް"އަށް މައުލޫމާތު ދެމުން ބުނީ ނިޒާމަށް ދައުވާ ކުރަން ފޮނުވީ ލިޓަންގެ މަރާއި ގުޅިގެން ކަމަށެވެ. އަދި އެ މައްސަލަ ޕީޖީ އޮފީހަށް ބަލައިގެންފައިވާ ކަމަށާއި ވަރަށް އަވަހަށް އެ މައްސަލައިގަ ގޮތެއް ނިންމާނެ ކަމަށް ބުންޏެވެ.
މި މައްސަލައިގަ ނިޒާމަށް ދައުވާކޮށްދޭން އެދުނު ގޮތުގެ ތަފްސީލެއް ނުދެ އެވެ.
ފުލުހުން ތުހުމަތުކުރަނީ ނިޒާމް ލިޓަން މަރާލީ އެ ދެ މީހުންގެ ދެމެދުގައި ޖެހުނު ފައިސާގެ މައްސަލައެއްގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް