ރާއްޖޭގައި ފަސް އަހަރުން މަތީގެ ކުދިންނަށް ކޯވިޑް ވެކްސިން ދޭން ފަށައިފި

ރާއްޖޭގައި ފަސް އަހަރާއި 11 އަހަރާއި ދެމެދުގެ އުމުރު ފުރާގެ ކުދިންނަށް ކޯވިޑް-19 ވެކްސިން ދޭން ފަށައިފި އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެ އުމުރު ފުރާގެ ކުދިންނަށް ވެކްސިން ދޭނ...

14 Feb 2023 | 09:25

ރާއްޖޭގައި ފަސް އަހަރާއި 11 އަހަރާއި ދެމެދުގެ އުމުރު ފުރާގެ ކުދިންނަށް ކޯވިޑް-19 ވެކްސިން ދޭން ފަށައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެ އުމުރު ފުރާގެ ކުދިންނަށް ވެކްސިން ދޭން ފަށަން ނިންމީ މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ލަފާގެ މަތިން ކަމަށެވެ.

އެ އުމުރުފުރާގެ ކުދިންނަށް ދިނުމަށް ހަމަޖެހިފައިވަނީ ފައިޒާ ވެކްސިންއެވެ. އެ ވެކްސިން މިހާޜު ރާއްޖެއަށް ލިބިފައިވާއިރު މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުން ވެކްސިން ޖެހޭނެ ކަމަށް މައުލޫމާތުދެ އެވެ.

އެޗްޕީއޭއިން ބުނީ 12 އަހަރުން މަތީގެ ކުދިންނާއި އެއަށްވުރެ މަތީ އުމުރު ފުރާތަކުގެ މީހުންނަށްވެސް ފައިޒާ ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އެހެން ކަމުން ކޯވިޑް ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކާއި ބޫސްޓާ ޑޯޒު ހަމަނުކުރާ ފަރާތްތަކުން ވެކްސިން ޖެހުމަށް އިލްތިމާސް ކުރާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މާލެ ސަރަހައްދުގައި ކޯވިޑް ވެކްސިން މިހާރު ޖަހައިދެނީ ތިން ސެންޓަރަކުންނެވެ. އެއީ އައިޖީއެމްއެޗު، ހުޅުމާލޭ ހޮސްޕިޓަލް އަދި ދަމަނަވެށި އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ ހަފްތާގެ ނިޔަލަށް ރާއްޖޭގައި ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު 399،178 މީހުން ޖަހާފައިވެ އެވެ. އެކަމަކު ދެ ވަނަ ބޫސްޓާ ޑޯޒު ކަމަށްވާ ހަތަރު ވަނަ ޑޯޒު ޖަހާފައިވަނީ އެންމެ 1،523 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް