އާންމު ރޯގާތައް ޖެހޭ ވަރު މަޑުމަޑުން ދަށަށް ދާން ފަށައިފި

އާންމުކޮށް ޖެހޭ ބަލިތައް ކަމަށްވާ އަރިދަފުސް ރޯގާ، ޑެންގީ އަދި ބޭރަށް ހިންގުން ފަދަ ބަލިތަށް ޖެހޭ މިންވަރު މަޑުމަޑުން ދަށަށް ދާން ފަށާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި ...

14 Feb 2023 | 08:30

އާންމުކޮށް ޖެހޭ ބަލިތައް ކަމަށްވާ އަރިދަފުސް ރޯގާ، ޑެންގީ އަދި ބޭރަށް ހިންގުން ފަދަ ބަލިތަށް ޖެހޭ މިންވަރު މަޑުމަޑުން ދަށަށް ދާން ފަށާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެ އެޖެންސީން އާންމު ކުރި މިދިޔަ މަހުގެ ތަފާސް ހިސާބު ދައްކާގޮތުން މި ތިން ބަލީގެ ތެރެއިން ބަލި ޖެހޭ ވަރު އަދިވެސް ގިނައީ ބޭރަށް ހިންގުމެވެ. މިދިޔަ މަހު ބޭރަށް ހިންގުން ޖެހިގެން 3،502 މީހުން ޑޮކްޓަރަށް ދައްކާފައިވާއިރު އޭގެ ކުރީ މަހު އެ ބަލީގައި ޑޮކްޓަރަށް ދައްކާފައިވަނީ 3،362 މީހުންނެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އެންމެ ގަދަޔަށް ފެތުރު އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ މަހު ހޮސްޕިޓަލްތަކުން ފަރުވާ ހޯދާފައިވަނީ 29،307 މީހުންނެވެ. މިދިޔަ ޑިސެމްބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން 31،334 މީހުން ޑޮކްޓަރަށް ދައްކާފައިވެ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖެނުއަރީ މަހު 195 މީހަކަށް ޑެންގީ ހުން ޖެހިފައިވެ އެވެ. ޑިސެމްބަރު މަހު އެ ބަލި ޖެހިފައިވަނީ 205 މީހުންނަށެވެ.

އިންފްލުއެންޒާއަށް ބަލާއިރު މިދިޔަ މަހު އިންފްލުއެންޒާއަށް ޕޮސިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރުވެފައި އެވެ. އެޗްޕީއޭއިން ބުނީ މިދިޔަ މަހު ޓެސްޓު ކުރި 115 ސާމްޕަލްގެ ތެރެއިން 19 މީހަކު އިންފްލުއެންޒާއަށް ޕޮސިޓިވްވެފައިވާ ކަމަށެވެ.

ޑިސެމްބަރު މަހުގެ ތަފާސް ހިސާބަށް ބަލާއިރު އިންފްލުއެންޒާގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރި 103 ސާމްޕަލްގެ ތެރެއިން ޕޮސިޓިވްވެފައިވަނީ ނުވަ މީހުންނެވެ.

މިދިޔަ އަހަރު ފަހުކޮޅު ރާއްޖޭގައި ފެތުރު އިތުރު ބަލިތަކުގެ ތެރެއިން ލޮލު ރޯގާ ފެތުރުން އަދިވެސް މާބޮޑަށް ކޮންޓްރޯލް ވެފައިއެއް ނުވެ އެވެ. އެކަމަކު ހޭންޑް ފުޓް އެންޑް މައުތާއި ފާނަބަސަނދު ފަދަ ބަލިތައް ޖެހޭ އަދަދު އިތުރުވެފައި ނުވާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް