މިސްކިތުގައި ނިދުމާއި، މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓުވުނީ ސިޓީ ކައުންސިލްގެ މަސައްކަތުން: މޭޔަރު

މާލޭގެ މިސްކިތްތަކުގައި ނިދުމާއި، މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ނޭދެވޭ ޢަމަލުތައް ހިންގުން ކުރިއަށްވުރެ މަދުވެފައި ވަނީ މާލެ ސިޓީ ކައުންސިލްގެ މަސައްކަތުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު...

14 Feb 2023 | 06:19

މާލޭގެ މިސްކިތްތަކުގައި ނިދުމާއި، މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ނޭދެވޭ ޢަމަލުތައް ހިންގުން ކުރިއަށްވުރެ މަދުވެފައި ވަނީ މާލެ ސިޓީ ކައުންސިލްގެ މަސައްކަތުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު މުޢިއްޒު މިފަދައިން ވިދާޅުވީ މާލޭގެ މިސްކިތްތަކުގައި ނިދުމާއި، މަސްތުވާތަކެތި ބޭނުން ކުރުން ފަދަ މައްސަލަތަކުގެ ރިޕޯޓު މިހާރު ނުލިބޭނެ ކަމަށާއި އެފަދަ މައްސަލަތައް މަދުކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވުމާއި ގުޅިގެންނެވެ.

އެގޮތުން އިސްލާމިކް މިނިސްޓަރުގެ ވާހަކަފުޅާއި ގުޅިގެން މީޑިއާތަކަށް ހިއްސާ ކުރެއްވި މެސެޖެއްގައި މޭޔަރު މުޢިއްޒު ވިދާޅުވީ މިސްކިތްތަކުގައި ހިނގާ އެފަދަ މައްސަލަތައް މަދުކުރެވިފައިވަނީ މާލެ ސިޓީ ކައުންސިލުން މާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް 24 ގަޑިއިރު ބަލަހައްޓަމުންދާތީ ކަމަށެވެ.

އަދި އެފަދަ މައްސަލައެއްގެ ރިޕޯޓެއް ލިބިއްޖެނަމަ، މާލެ ސިޓީ ކައުންސިލްގެ ޕޮލިސް ކޮންސްޓްބިއުލަރީގެ ފަރާތުން ވަގުތުން ފިޔަވަޅު އަޅާ އެފަދަ މައްސަލަތައް ހައްލުކުރަމުން ދާކަންވެސް މޭޔަރު މުޢިއްޒު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ބުނީ  މާލޭގެ އެކި ސަރަޙައްދުތަކުގެ މަންޒަރުތައް ވަގުތުން ބެލޭނެ ފަދައިން މުޅި މާލެސިޓީ ސީސީޓީވީ ކެމެރާ ތަކަކުން ގުޅާލުމުގެ މަޝްރޫއުގެ ދަށުން މިސްކިތްތަކާއި، ޕާކު ތަކުގައި ކެމެރާ ހަރުކޮށް އެތަންތަން ބެލެހެއްޓުމަށް ޤާއިމްކުރި މޮނިޓަރިންގް ނިޒާމް އިފްތިތާޙްކޮށްދެއްވީ 19 ޖުލައި 2022 ގައި ލޮނުޒިޔާރަތް ޕާކުގައި ބޭއްވި މާލެ ސިޓީގެ ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ފަށާފައިވާ ސީސީޓީވީ ހަރުކުރުމުގެ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގެ ދަށުން މާލޭގެ ދެކުނު ބަނދަރުގައި، މެރީ ބްރައުން ރެސްޓޯރެންޓުން ފެށިގެން ސްޓެލްކޯ ޕަމްޕް ސްޓޭޝަންތަކާއި ހަމަޔަށް 15 ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

މިގޮތުން އެ ކެމެރާތައް މެދުވެރިކޮށް އެ ސަރަޙައްދުގެ ސެކިއުރިޓީ ކަންކަން 24 ގަޑިއިރު ސިޓީ ކައުންސިލުން ދަނީ ބަލަހައްޓަމުން ކަމަށް އެ ކައުންސިލުން ބުނެފައި ވެއެވެ.

ހަމަ އެހެންމެ، ސިޓީ ކައުންސިލުން ބުނީ ސީސީޓީވީ ކެމެރާ ބޭނުންކޮށްގެން މާލޭގެ މިސްކިތްތައް ބެލެހެއްޓުމަކީ، ހަތަރުވަނަ ދައުރުގެ ކައުންސިލުން ކުރިއަށްއޮތް ފަސް އަހަރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ އެއް އަމާޒު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް