ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށާއި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައި، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
މިފަދަ މައްސަލައެއް ހުށަހެޅުއްވީ ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް އަބްދުއް ސަމަދު އިންޑިއާއަށް ގޮސް ހުއްޓަ އިއްޔެ ޑީޕޯޓުކޮށްލާފައިވަނިކޮށެވެ. އާއިލާ އާއި އެކު ބޭސްފަރުވާއަށް ދިޔަ ސަމަދު ޑީޕޯޓުކޮށްލީ އިންޑިއާ އިމިގްރޭޝަން ބަންދުގައި ހަތަރު ދުވަހު ބޭންދުމަށް ފަހު އެވެ.
ޝިޔާމް މިއަދު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލީ ދެކޮޅަށް 20 މެމްބަރުން ވޯޓު ދެއްވުމުންނެވެ. އެ މައްސަލަ މަޖިލީހުގައި ކުރިޔަށް ގެންދަން ފެންނަކަމަށް ވޯޓު ދެއްވީ އެންމެ ހަ މެމްބަރުންނެވެ.
ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ގާނޫނުއަސާސީން ދިވެހީންނަށް ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުންކޮށް، ރާއްޖޭގެ ސިޔާދަތު އޮންނަ ސަރަހައްދެއްގައި ފާޅުކުރާ ހިޔާލަކާ ގުޅިގެން، ބައެއް ގައުމުތަކުން އެ މީހުންނާ މެދު ތައައްސުފީ ގޮތެއްގައި ފިޔަވަޅު އަޅަމުންދާ ދިއުމާމެދު ކަންބޮޑުވާ ކަމަށެވެ.
ދިވެހި ފަސްގަނޑުގައި ފާޅުކުރާ ހިޔާލުތަކާ ގުޅިގެން އެހިޔާލު ފާޅުކުރާ މީހުންނަށް ވަކިން އަމާޒުކޮށްގެން ބޭރުގެ ދައުލަތަކުން އެ ދިވެހިންނަށް އަދަބު ދޭން ފަށައިފިނަމަ، އެކަމުގެ ސަބަބުން ގާނޫނުއަސާސީ އިން ކަށަވަރުކޮށްދޭ ހައްގުތައް ބޭނުން ކުރުމާއި ނުކުރުމުގެ އިހުތިޔާރު ދިވެހިންގެ އަތުން ބީވެ އެ ހައްގުތައް ލިބުމާއި ނުލިބުން އެހެން ދައުލަތެއްގެ ރުހުމާއި ނުރުހުމުގެ މައްޗަށް ބަރޯސާ ވުމުގެ ބިރު އެބައޮތް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ސަމަދު އިންޑިއާއިން ޑީޕޯޓުކޮށްލި މައްސަލައިގަ ދިވެހި ސަރުކާރުން އަދިވެސް މާބޮޑު އެއްޗެއް ހާމައެއް ނުކުރެ އެވެ. ހަމައެކަނި ބުނެފައިވަނީ އެކަން ބަލަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް