ހަ ހާސް ގަހަށް އަމާޒުހިފައި މި އަހަރުގެ "ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމް މިއަދު ފަށައިފި

6000 ގަސް އިންދުމަށް އަމާޒު ހިފައި މިއަހަރުގެ "ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމް މިއަދު ފަށައިފި އެވެ. ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމްގެ ދަށުން ސްޓެލްކޯ ހިދުމަތްދޭ ހުރިހާ ރަށެއްގައި ގަސްއިންދާ މިއީ 4 ވަނަ އ...

14 Feb 2022 | 18:23

6000 ގަސް އިންދުމަށް އަމާޒު ހިފައި މިއަހަރުގެ "ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމް މިއަދު ފަށައިފި އެވެ. ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމްގެ ދަށުން ސްޓެލްކޯ ހިދުމަތްދޭ ހުރިހާ ރަށެއްގައި ގަސްއިންދާ މިއީ 4 ވަނަ އަހަރެވެ.

މިއަހަރު ސްޓެލްކޯ ރަށްފެހި ހަރަކާތް ކުރިއަށް ގެންދިޔައީ ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގޭގައެވެ.

މި އަހަރުގެ ރަށްފެހި ޕްރޮގްރާމް ޝަރަފްވެރިކޮށްދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު، އަދި މަޖިލީހުގެ އެންވަޔަރމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ޗެއަރ އަހްމަދު ސަލީމްއެވެ.

މި ޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން މެމްބަރު އަހުމަދު ސަލީމާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ އާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވަނީ އެ ސަރަހައްދުގައި ދިވެހި ރުށް އިންދާފައެވެ.

އަދި ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްސަކޮށްގެން ކަރާ ގަސްވެސް ވަނީ ހުޅުމާލޭ އިންޖީނުގޭގެ ގޯތި ތެރޭ އިންދާފައެވެ.

މި ރަސްމިއްޔާތުގައި މުޣުނީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިއީ ރައީސް ފެއްޓެވި ވަރަށް މުހިންމު ޕްރޮގްރާމެއްގެ ދަށުން ސްޓެލްކޯ އިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އަމާޒަކީ މިއަދު ސްޓެލްކޯ ގެ ހުރިހާ މުވައްޒަފުން، ހުރިހާ އައުޓްލެޓެއްގައި 6000 ގަސް އިންދުން ކަމަށެވެ.

މީގެ އިތުރުން މުޣުނީ ވިދާޅުވީ، ހަމަ އެކަނި ސްޓެލްކޯއިން ކުރާ ކަމަކީ ގަސްއިންދުން ނޫން ކަމަށާއި ގަސް އިންދުމުން ރަމްޒު ކޮށްދެނީ ކުންފުނީގެ މުޅި މަސައްކަތްތައްކަމުގައެވެ.

ކުޑަކޮށް ފެށޭ ކަންކަން ރަނގަޅަށް ބެލެހެއްޓޭނަމަ އެކަމުގެ ފަސޭހަ ކުންފުނީގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެންދާނެ ކަމުގައި ފާހަގަކުރައްވާ އޭނާ ވިދާޅުވީ މިދިޔަ އަހަރު 5000ގަސް އިންދާފައިވާއިރު، މިއަހަރުގެ ގޯލަކީ 6000 ގަސް އިންދުން ކަމަށެވެ.

މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާން، ހޯރަފުށީ ދާއިރާގެ މެމްބަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ، މި ފަދަ ކުންފުންޏަކުން، ގަސްއިންދުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ. ކުރިއަށް އޮތް ތަނުގައި ވަކި ދުވަހެއްގެ ގޮތުގައި މި ދުވަސް ފާހަގަ ނުކުރި ނަމަވެސް އަބަދުވެސް ގަސްއިންދުން ކުރިއަށް ގެންދެވުމަށް އެދިވަޑައިގެންފައި ވެއެވެ.

މީގެ އިތުރުން ސަރުކާރުން 2030 އަށް އަމާޒުހިފާފައިވާ ކާބަން ނިއުޓްރަލް އަށް ވާސިލުވުމަށްވެސް ގަސް އިންދުމުގެ މުހިންމުކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ރަށްފެހި ޕްރޮގްރާމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ އާ ދައުރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް އެކުލަވާލައި ފެށުމަށް ވެވަޑައިގެންފައިވާ ވައުދާއި ގުޅިގެން މުޅި ރާއްޖެ ފެހި ކުރުމަށް ފެއްޓެވި ޕްރޮގްރާމެކެވެ.

ސްޓެލްކޯ "ރަށްފެހި" ޕްރޮގްރާމަކީ މިކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއްކަމުގައި އެކުންފުނިން ހާމަކުރެއެވެ. އަދި މެދުކެނޑުމެއްނެތި މި ޕްރޮގްރާމް ކުރިއަށް ގެންދާ ހަމައެކަނި ކުންފުންޏަކީވެސް ސްޓެލްކޯކަން ފާހަގަ ކޮށްލެވެއެވެ.

2019 ވަނަ އަހަރު ސްޓެލްކޯ އިން ފެށި ރަށްފެހި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ވަނީ 10،000 އަށް ވުރެ ގިނަ ގަސް އިންދާފައެވެ. އެގޮތުން 2019 ވަނަ އަހަރު ސްޓެލްކޯ ރަށްފެހީގައި 2000 ގަސް އިންދާފައިވާއިރު، އޭގެ ޖެހިގެން އައި 2020 ވަނަ އަހަރު 3000 ގަސް އަދި ކޮވިޑްގެ ދަތިހާލަތުގައި ފުރަބަންދުވެ ތިބެވެސް މި ޕްރޮގްރާމް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިޔަށްގެންގޮސް 2021 ވަނަ އަހަރު ވަނީ 5000 ގަސް އިންދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް