ރިސޯޓު ހަދަން ކަނޑައަޅާފައި ނުހެދި އޮތް 75 ރަށެއްގައި ރިސޯޓު ތަރައްޤީކޮށް ހުޅުވަން ތިން އަހަރުގެ މުހުލަތެއް ދީފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް މިއަދު ވިދާޅުވެއްޖެއެވެެ.
ޑރ.މައުސޫމް މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގައި މިއަދު މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށް ނުނިމި ދިގުލައިގެން ދިޔުމަކީ ކުރިމަތިވެފައިވާ ވަަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
އެގޮތުން ޑރ. މައުސޫމް ވިދާޅުވީ ރިސޯޓް ހަދަން މީގެ ކުރިން ދޫކޮށްފައިވާ 75 ރަށެއް އެގްރިމެންޓްކޮށް ތިން އަހަރުގެ ތެރޭގައި އެ ރިސޯޓްތައް ހުޅުވަން މިހާރު މުހުލަތެެއް ދީފައިވާ ކަމަށެވެ.
މިގޮތުން އެތިން އަހަރުގެ ތެރޭގައި ރިސޯޓް ނުހުޅެވޭނަމަ އެރަށް ސަރުކާރުން އަތުލާނެ ކަަމަށާއި އެހެން ނޫނީ ތިން އަަހަރުގެ ތެރޭގައި ރިސޯޓް ހުޅުވަންޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ މައުސޫމް ވިދާޅުވީ ނުހެދި ހުރި ރަށްތައް ހަދަން ތިން އަހަރު މަޑު ކުރުމުގެ މަޤުސަދެއް ވެސް ނެތް ކަމަށާ އެއް އަހަރުތެރޭގައި ރަށް ހަދަން ތަކެތި އެއްކޮށް ނުގެންދާނަމަ އެ ރިސޯޓެއް ނުނިިންމޭނެ ކަމަށެވެ.
އެންމެ އަވަހަށް ވެސް ރަށެއް ހެދެނީ ދޮޅު އަހަރުން ކަމުގައި ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އެގްރީމެންޓްގައި ސޮއިކޮށްފަ ދޮޅު އަހަރުތެރޭ އެއްކޮށް މޮބަލައިޒް ނުކުރާނަމަ އެ ރަށެއް ހަދަން ފެށޭނެ ކަމަށް ނުބެލެވޭ ކަމުގައެވެ.
އެހެންވެއްޖެނަމަ އެ ރިސޯޓު ތިން އަހަރު ތެރޭ ނުހިންމޭނެ ކަމަށާއި ޓޫރިޒަމް މިނިސްޓްރީން އެރަށް ނެގުމުގެ ބާރު ލިބޭނެ ކަމުގައި މައުސޫމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް