މާސްކު ނާޅާ ހުރުމުން ޕެޓްރޯލް އަޅައިދޭން ދެކޮޅު ހެދުމުން ޕެޓްރޯލް ފޭރެން މީހަކު މަސައްކަތް ކޮށްފިއެވެ.
ސޯޝަލް މީޑިއާގެ ޕޭޖަކަށް އަޕްލޯޑްކޮށްފައިވާ ވީޑިއޯއަކުން ފެންނަނީ މީހަކު، އޭނާ ލައިގެން ހުރި ޓީޝާޓު މޫނުމަތީގައި ބަނދެގެން އަމިއްލައަށް ޕެޓްރޯލް އަޅަން އުޅޭ މަންޒަރެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިއީ ރޭގައި ހިނގި ހާދިސާއެކެވެ. މީހަކު މާސްކު ނާޅާ ޕެޓްރޯލް އަޅަން ދިއުމުން ޕެޓްރޯލް އަޅައިދޭން އެފްއެސްއެމްގެ މުވައްޒަފު ދެކޮޅު ހެދީީއެވެ. މާސްކު ނެތި ޕެޓްރޯލް އަޅަން ނުވަނުމަށް އެފްއެސްއެމްއިން ނޯޓިސް ހަރުކޮށްފައިވެއެވެ. އަދި ހެލްމެޓުވެސް ނަގައިގެން ނޫނީ ނުވަނުމަށްވެސް ނޯޓިސް ހަރުކޮށްފައި ހުރެއެވެ.
މާސްކު ނާޅާ ހުރެ ޕެޓްރޯލް އަޅަން ވަނީ ބިދޭސީއެއް ކަމަށް މައުލޫމާތު ލިބެއެވެ. ޕެޓްރޯލް އަޅައިދޭން ދެކޮޅުހެދުމުން އެމީހާ ވަނީ ލައިގެން ހުރި ޓީޝާޓް ބާލައި މޫނު މަތީގައި ބަނުމަށްފަހު، ކައުންޓަރަށް ގޮސް ކައުންޓަރުގައި ތިބި މުވައްޒަފުންނާ ޒުވާބުކޮށްފައެވެ. ދެން އޭނާ އަމިއްލައަށް ޕެޓްރޯލް އަޅަން މަސައްކަތް ކޮށް އެކަން ނުވުމުން އަނެއްކާވެސް ކައުންޓަރުދޮށަށް ގޮސް ޒުވާބު ކުރާ މަންޒަރު ފެނެއެވެ.
އެ ހުރިހާ ކަމެއް ހިނގި އިރު އެތަނުގައި ސެކިއުރިޓީ ޖެހި ޔުނީފޯމުގައި ހުރި އެތަނުގެ ސެކިއުރިޓީ ދެއަތް ފުރަގަހަށް ލައިގެން އެމީހާގެ ފަހަތުން ހިނގާލަ ހިނގާލާ ހުންނަ މަންޒަރު ފެނެއެވެ.
އެފްއެސްއެމް އިން ފަހުން ބުނެފައިވާގޮތުގައި އެމީހާއާއި ވާހަކަދައްކައިގެން އެ މައްސަލަ މިހާރު ވަނީ ހައްލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް