ރާއްޖޭގައި އޮޕަރޭޓު ކުރާ އަދި ރާއްޖެއަށް ދަތުރު ކުރާ ބައެއް އެއާލައިންތައް ގުޅިގެން އެއާލައިންތައް ތަމްސީލް ކުރާ އެސޯސިއޭޝަނެއް އުފެއްދުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.
މި މަސައްކަތް ފެށުމުގެ ގޮތުން އިއްޔެ ވަނީ މެގަ މޯލްޑިވްސް އޮފީހުގައި އެއާލައިންތައް ގުޅިގެން ބައްދަލުވުމެއް ބާއްވާފައި އެވެ. ކޮންމެ ގައުމެއްގައިވެސް އެ ގައުމުގައި އޮޕަރޭޓު ކުރާ އެއާލައިންތައް ގުޅިގެން އުފައްދާފައިވާ އެސޯސިއޭޝަނެއް އޮންނަން ޖެހޭނެ ކަމަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓު އެސޯސިއޭޝަން (އައިއޭޓީއޭ) އިން ބުނެ އެވެ.
ރާއްޖޭގައި އެއާލައިންތައް ތަމްސީލް ކުރާ އެސޯސިއޭޝަނަކީ އަދި ރަސްމީ ހައިސިއްޔަތު ލިބިފައިވާ ޖަމިއްޔާއެއް ނޫނެވެ. އިއްޔެގެ ބައްދަލުވުމާއި ގުޅޭގޮތުން މެގަ މޯލްޑިވްސް އިން ބުނީ މި ބައްދަލުވުމުގައި ނިންމާފައިވަނީ އެ އެސޯސިއޭޝަނަށް ރަސްމީ ހައިސިއްޔަތު ހޯދުމާއި، ހުރިހާ އެއާލައިންތަކެއް ގުޅިގެން މުހިންމު ކަންކަމުގައި މަސައްކަތް ކުރުމަށެވެ.
އެގޮތުން ބައްދަލުވުމުގައި ބައިވެރިވި އެއާލައިންތަކުގެ ތެރެއިން ނުވަ އެއާލައިން ހިމެނޭ ކޮމިޓީއެއް ނެގުމަށް ފަހު މިއަހަރުގެ މެދެއްހާ ހިސާބުގައި އެސޯސިއޭޝަން ރަސްމީކޮށް އިފްތިތާހު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަވާލު ކޮށްފައިވާ ކަމަށް ބުނެ އެވެ.
މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެހެން އިދާރާތަކާއި އޮންނަންޖެހޭ ގުޅުން ހަރުދަނާކޮށް، އޭވިއޭޝަން ދާއިރާގެ ދިރާސާތަކާއި ނިންމުންތައް ނިންމުމުގަައި ގުޅިގެން ކަންކަން ކުރުމާއި ގުޅޭގޮތުންނެވެ.
މި ބައްދަލުވުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން އޮޕަރޭޓު ކުރާ މޯލްޑިވިއަން، ފްލައިމީ، މެގަ މޯލްޑިވްސް އަދި ޓްރާންސް މޯލްޑިވިއަން އެއާވޭސް ބައިވެރިވި އެވެ. އަދި ބޭރުގެ އެއާލައިންތަކާއި އެކު 15 އަށްވުރެ ގިނަ އެއާލައިންތަކުގެ ވެރިން ބައިވެރިވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް