ފިޔާތޮށި މާތަކެއް ޖަހަގައިގެން އއ. އުކުޅަހުގައި މަހާނައެއް ހެދި މައްސަލައިގަ ހައްޔަރު ކުރި ހަ މީހުން ދޫކޮށްލައިފި އެވެ.
އެމީހުން ހައްޔަރު ކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް މޫސާ ނަސީމް ހިމެނެ އެވެ. އެމްޑީޕީން ބުނެފައިވަނީ އެ އެންމެންނަކީވެސް އެމްޑީޕީގެ މެންބަރުން ކަމަށެވެ.
އެމައްސަލަ ތަހުގީގު ކުރުމަށް އެ މީހުންނަށް 15 ދުވަހަށް ބަންދުގެ މުއްދަތުވެސް ޖެހި އެވެ. އެކަމަކު އެ މުއްދަތު ހަމަނުވަނީސް ދޫކޮށްލި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ ދޫކޮށްލިނަމަވެސް މައްސަލަ އަދިވެސް ތަހުގީގު ކުރަމުން ދާ ކަމަށެވެ.
އުކުޅަހު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ފިރާގު މީގެ ކުރިންވިދާޅުވެފަިއވަނީ އެ މީހުން ހައްޔަރުކޮށްފައި ވަނީ އެ ރަށު ނޫވިލާގެ އާއި މާޖެހި ގެއާ ދެމެދު މަހާނައެއް ހެދި މައްސަލާގައި ކަމަށެވެ. އެ މަހާނާގައި ޖަހާފައިވަނީ ފިޔާތޮށި ބޯގަންވިލާ މާ ކަމަށާއި އެއީ މަޖަލަކަށް ކުރި ކަމެއް ކަމަށެވެ.
“މަހާނަ ހެދި މީހުން އެތާ ތިއްބަ ފުލުސް މީހާ ދިއުމުން އޭނާއަށް އެއްބާރުލުން ދިން. އެއްވެސް ހަމަނުޖެހުމެއް އެރޭ ނުހިނގާ. އެއީ މަޖަލަކަށް ކުރި ކަމެއް،” ފިރާގު ވިދާޅުވި އެވެ.
ފުލުސް މީހާ ގޮސް ހަދާފައި ހުރި ވެލިގަނޑު ފަތުރާލީ ކަމަށް ފިރާގު ވިދާޅުވި އެވެ. އެމީހުން އެކަން ކުރީ ސިއްރުން ނޫންކަމަށާއި އެތައް ބަޔަކު އެތާނގައި ތިބި ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް