ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުކުރި މައްސަލަ، އެމްނެސްޓީ އިންޓަނޭޝަލް އިން ތަހުގީގުކުރަން ފަށައިފި އެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަން ހާމަކޮށްފައިވަނީ އިންސާނީ ހައްގުތައް ކުރިއަރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އިން ދެކުނު އޭޝިއާ އަށް ކަނޑައަޅާފައި ހުންނަވާ ތަޖުރިބާކާރު އައްބާސް ފާއިޒް ރޭ ކުރެެއްވި ޓުވީޓެއްގައި އެވެ.
އެ ޓުވީޓުގައި ވިދާޅުވެފައިވަނީ "ގާނޫނާ ހިލާފަށް ނާޒިމް ހައްޔަރުކުރި ކަމަށް ބުނާ ވާހަކަ އެ ޖަމާއަތުން ބަލަމުން އަންނަ ކަމަށާއި ނާޒިމް ބަންދު ކޮށްފައި ހުރި ހާލަތުވެސް ބަލަން،" ފާއިޒް ވިދާޅުވެފައި ވެއެވެ.
https://twitter.com/tweetafaiz/status/566288059311079424
ނާޒިމް ދިރިއުޅުއްވާ ގެ އަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ފުލުހުން ވަދެ އޭނާ ހައްޔަރުކުރީ، ޖެނުއަރީ 17 ވަނަ ދުވަހުގެ ރޭ ދަންވަރު އޭނާ ދިރިއުޅުއްވާ ކޮޓަރިން ހަތިޔާރުތަކެއް ފެނުނު ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނިކޮށެވެ.
ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަނުގެ އިތުރުން ގޮވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެމައްސަލައިގެ ތަހުގީގަށް ކްރިމިނަލް ކޯޓުން ނާޒިމްގެ ބަންދަށް 15 ދުވަސް ދީފައިވެ އެވެ.
ނާޒިމް ހައްޔަރުކުރި މައްސަލަ އެމްނެސްޓީން ބަލަމުން އަންނަ އިރު، ހައްޔަރުކުރުމަށް ނެރުނު ކޯޓު އަމުރާއި ބަންދުގެ އަމުރު ނާޒިމްގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ހައި ކޯޓުން ވަނީ ހޯމަ ދުވަހު މެންދުރު 1:45 ބާއްވަން ޝެޑިއުލްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް