ކުރީގެ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމް ހައްޔަރު ކުރުމަށާއި 15 ދުވަސް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރި މައްސަލައިގެ ފުރަތަމަ އަޑު އެހުން އަންނަ ހޯމަ ދުވަހު ހައިކޯޓުގައި ބާއްވާގޮތަށް ނިންމައިފި އެވެ.
ހައިކޯޓުގައި ތާވަލް ކުރި އިސްތިއުނާފުގެ މައްސަލައިގެ އަޑު އެހުން ކުރިޔަށް ގެންދަން ނިންމާފައިވަނީ ހޯމަ ދުވަހު މެންދުރު 01:45 ގައި އެވެ.
ފުލުހުން ނާޒިމް ހައްޔަރުކޮށްފައި ވަނީ އޭނާ ދިރިއުޅުއްވާ އަނބިކަބަލުންގެ ގެކޮޅު ގ.އެނިފްގައި ހުންނަވަނިކޮށް މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު އެކެއް ޖަހާކަންހާއިރުއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އެގެއިން ފެނުނު ހަތިޔާރުތަކުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ޕީޖީ އޮފީހަށް ފޮނުވި ފަހުންނެވެ.
ނާޒިމް ހައްޔަރު ކުރި މައްސަލަގައި ކްރިމިނަލް ކޯޓަށް މުއްދަތުޖަހން ގެންދިއުމުން ކޯޓުން ބުނެފައި ވަނީ، ނާޒިމްގެ ބަންދުގެ މުއްދަތު ޖެހީ، މުޖްތަމައުގެ ރައްކަލަކަށްޓަކައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް