ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފޯމު ހުށައެޅި ފަރާތްތަކުގެ އިތުރު އިވެލުއޭޝަނެއް ހެދުމުގެ ބަދަލުގައި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށް އިމަރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ސަރުކާރުގެ ތެރޭގައި ޢިއުލާންކޮށްފައިވާ ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ އިރުޝާދުފުޅާއެކު އަންނަ ރަމަޟާން މަހުގެ ކުރިއަށް ލިސްޓު ޢާއްމުކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށެވެ.
މިކަން އަވަސްކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވަނީ ފްލެޓަށް އެދި ހުށައަޅާފައިވާ ފޯމްލަފައިވާ ހުރިހާ ފަރާތްތައް އަލުން އިވެލުއޭޓްކުރުމުގެ ބަދަލުގައި 15 ނޮވެމްބަރު 2023 ގައި ގެޒެޓްކުރެވިފައިވާ ފަރާތްތަކުގެ ލިސްޓުގެ ވެރިފިކޭޝަން ޕްރޮސެސްއެއް ކުރިއަށްގެންދިޔުމަށެވެ.
މިވެރިފިކޭޝަން ޕްރޮސެސް ކުރިއަށްގެންދާއިރު ބަލާނީ 26 ޖޫން 2022 ގައި ގެޒެޓްކޮށްފައިވާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރާ އުސޫލުގެ ދަށުން އަދި ފޯމު ހުށައެޅުމަށް އެކުލަވާލާފައިވާ، ގެދޮރުވެރިން ޕޯޓަލްގައި އިރުޝާދު ދީފައިވާ ގޮތަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިސްކީމްގެ ދަށުން ގެދޮރުވެރިން ޕޯޓަލްގައި ފޯމު ހުށައެޅުމުގައި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާކަން ސާބިތުކުރުމަށްޓަކައި ހުށައެޅިދާނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައްކަށް ވެރިފައި ކުރުމުގައި ބަލާނެކަމަށެވެ. އެގޮތުން 6 ބާވަތެއްގެ ލިޔެކިޔުން ހުށައެޅުމަށް ފުރުސަތު އޮތްނަމަވެސް، ގިނަ ފަރާތްތަކަކުން އެލިޔެކިޔުންތަކުގެ ބޭރުން އިތުރު ލިޔުންތައް ހުށައަޅާފައިވާކަމަށެވެ.
ހަމައެއާއެކު މާލޭގައި އުޅޭތާ 15 އަހަރު ވީކަން ބެލުމުގައި އެއްވެސް ކަހަލަ މެދުކެނޑުމެއް އައިސްފައިވާނަމަ، އެއީ ފްލެޓު ލިބޭ މީހުންގެ ޙައްގުތައް ގެއްލޭނެކަމެއްކަމަށްވާތީ، ލިސްޓް ވެރިފައި ކުރުމުގައި މެދުކެނޑުމެއްކަމަށް ބަލާނީ، އަހަރެއްގެ މުއްދަތަށް އެކި ސަބަބުތަކާއި ލައިގެން މާލެއިން ބޭރުގައި ދިރުޅެފައިވާ ފަރާތެއްކަމުގައިވާނަމަކަމަށް ވަޒީރު ވިދާޅުވިއެވެ.
ފްލެޓް ލިސްޓު އިއުލާން ނުކުރެވި، މިކަން ދިގުލައިގެންދާތީވެ، މިއީ ގިނަ ބައެއްގެ ކަންބޮޑުވުމާއި ގުޅިފައިވާކަމެއްކަމަށްވާތީ ވަޒީރު ވަނީ ރައްޔިތުންގެ ކިބައިން މާފަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް