މަދުން ނަމަވެސް ސައްހަ ނޫން މެމްބަރޝިޕް ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިފައިވާކަމަށާއި އެހެން އެ ދިމާވީ ޕާޓީއަށް ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގާބިލުކަން ޕާޓީގައި ނެތުމުގެ ސަބަބުން ކަމުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް) ޕާޓީއިން ބުނެފިއެވެ.
އެ ޕާޓީއިން މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
ކޮންގްރެސް ޕާޓީގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެ ޕާޓީއިން މުޅި ރާއްޖޭގައި ކުރިއަށްގެންދިޔަ "މެންބަރޝިޕް ޑްރައިވް" އަކީ ރާއްޖޭގައި މިހާތަނަށް އެއްފަހަރާ އެންމެ ގިނަ އަދަދަކަށް ސިޔާސީ ޕާޓީއަކަށް މެންބަރުން ވަނުމަށް ފޯމް ހުށަހެޅުނު އެއް ހަރަކާތް ކަމަށްވެފައި، ޕާޓީޣެ އިދާރީ މުވައްޒަފުން ނުހަނު ބުރަކޮށް މަސައްކަތްކޮށް، ޕާޓީގެ އިލެކްޝަންސް ޕޯޓަލް މެދުވެރިކޮށް އެ ފޯމުތައް އަޕްލޯޑް ކުރަމުންދިޔަ ނަމަވެސް، ޕާޓީއަށް ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގާބިލުކަން ޕާޓީގައި ނެތުމުގެ ނަތީޖާގެ ސަބަބުން، ފޯމެއްގެ ސައްހަކަމާއިމެދު ސުވާލެއް އުފެދޭ ހިސާބަކީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމުގެ ފަހުގެ މަރުހަލާއެއް ކަމުގައި ވުން ކަމަށެވެ. ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ މާހައުލެއް ދިވެހިރާއްޖޭގައި ވުޖޫދު ކުރެވުނު ހިސާބުން ފެށިގެން މިއަދާ ހަމައަށްވެސް، ރާއްޖޭގައި ވަސީލަތްތައް ހުރިގޮތުން މި ކަމަކީ އެ ޕާޓީއަށް އެކަނި އޮތް ގޮންޖެހުމެއް ނޫންކަންވެސް އެ ޕާޓީއިން ފާހަގަކޮށްފައިވެއެވެ.
"މިހާތަނަށް އެކި ފަރާތްތަކުން ސައްހަ ނޫން ފޯމުތަކެއް މި ޕާޓީގެ ނަމުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަމަށް ބަޔާންކޮށް އިލެކްޝަންސް ކޮމިޝަނަށާއި ދިވެހި ފުލުހުންގެ މުއައްސަސާއަށް ޝަކުވާތައް ލޮގް ކުރައްވާފައިވާތީ، އެ ދެ މުއައްސަސާއިންވެސް ވަނީ އެ މައްސަލަތައް ބައްލަވަމުން ގެންދަވާކަމަށް މި ޕާޓީއަށް އަންގަވާފައެވެ. އަދި މި ޕާޓީއިންވެސް މިދަނީ މިފަދަ ފޯމްތައް ހުށަހެޅިފައިވާގޮތް ބަލަމުން ކަމުގައި ދަންނަވަމެވެ. އަދި ކޮންގްރެސް ޕާޓީގެ ފަރާތުން މި ދެ މުއައްސަސާއަށް މިކަން ބެލުމުގައި ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާނެކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ކަށަވަރުކޮށް އަރުވަމެވެ" ކޮންގްރެސް ޕާޓީއިން ބުނެފައިވެއެވެ.
އެ ޕާޓީއިން އިތުރަށް ބުނެފައިވަނީ ސައްހަ ނޫން ފޯމްތަކެއްގެ މުގާބިލުގައި، އެ ޕާޓީއަށް މެންބަރުން އިތުރުކޮށް އަދި ދިވެހި ލޮބުވެތި ރައްޔިތުންގެ ހައްގުތަކެއް ގެއްލޭފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރުމަކީ އެ ޕާޓީގެ ރައީސް އަދި ލީޑަރޝިޕުން އެއްވެސް ވަރަކަށް ބަލައިގަންނަ ނުވަތަ ހިތްވަރުދޭނެ ކަމެއް ނޫންކަމަށެވެ.
އުފެދިފައި މިވާ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށާއި، މި ޕާޓީގެ މެންބަރުން އަދި ޖުމްލަކޮށް ދިވެހި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން މި ޕާޓީއިން ކުރަންޖެހޭ ކަމެއްކަން ދެކޭ ހިނދު، ސައްހަ ނޫން ފޯމެއް މެދުވެރިކޮށް ކޮންގްރެސް ޕާޓީއަށް ވެއްދުމުގެ އެއްވެސް މައްސަލައެއް ކުރިމަތިވެފައިވާނަމަ މި ޕާޓީގެ ރަސްމީ އީމެއިލް [email protected] އަށް މެއިލް ކުރެއްވުމުން އެފަދަ ހުސޫމާތުތަކަށް އަވަސް ހައްލެއް ގެނެސްދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ކަށަވަރުކަން އަރުވާކަމަށްވެސް އެ ޕާޓީއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް