މުޅި ރާއްޖެ މި ސަރުކާރަށް ނޫނެކޭ ބުނާ ދުވަސް އޮތީ ވަރަށް ކައިރީގައި: ރައީސް ސޯލިހް

މުޅި ރާއްޖެ މި ސަރުކާރަށް ނޫނެކޭ ބުނާ ދުވަސް އޮތީ ވަރަށް ކައިރީގައި ކަމަށް، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. މާލެ ސިޓިގެ މޭޔަރު ކަމަށް އާދަމް އާޒިމް އިންތިހާބުވުމާ ގުޅިގެން...

14 Jan 2024 | 10:34

މުޅި ރާއްޖެ މި ސަރުކާރަށް ނޫނެކޭ ބުނާ ދުވަސް އޮތީ ވަރަށް ކައިރީގައި ކަމަށް، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މާލެ ސިޓިގެ މޭޔަރު ކަމަށް އާދަމް އާޒިމް އިންތިހާބުވުމާ ގުޅިގެން ރޭ ބޭއްވި އުފާ ފާޅުކުރުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ބައި-އިލެކްޝަން އިންތިހާބުގައި 71 ޕަސެންޓް މީހުން މި ސަރުކާރަށް ނޫނެކޭ ބުނެފި ކަމަށާއި، މުޅި ރާއްޖެވެސް މި ސަރުކާރަށް ނޫނެކޭ ބުނާ ދުވަސް އޮތީ ވަރަށް ކައިރީގައި ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންތާ ދެ މަސް ނުވަނީސް މާލެ ރައްޔިތުން ނުކުމެ މި ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނީ ސަބަބެއް ނެތިއެއް ނޫން ކަމަށެވެ.

އެގޮތުން މި ސަރުކާރުން ވެރިކަމަށް އައި ގޮތާއި ދެއްކެވި ވާހަކަތަކާއި ހެއްދެވި ދޮގުތަކާއި އޮޅުވާލި އޮޅުވާލުންތަކުން ސަރުކާރުގެ އަސްލު ސިފަ މިއަދު ހާމަވާން ފަށައިފި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް އިބްރާހިމް މުޙައްމަދު ސޯލިހްގެ ސަރުކާރުން ދިން ގޯތިތައް މިއަދުން މިއަދަށް ހަވާލުކުރުމަށާއި، ފުށިދިއްގަރު ފަޅަށް މާލެ ރައްޔިތުން ގެންދަވަން ނުހައްދަވާ ފްލެޓްތައް ހަވާޅުކުރުމަށް ރައީސް ސޯލިހް ވަނީ ސަރުކާރަށް ގޮވާލާފައެވެ.

"ރައީސް މުޢިއްޒަށް ބުނެލަން އޮތީ ލަސް ނުކުރާށޭ. ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މާލޭގެ ރައްޔިތުންގެ ފަރާތުން ވޯޓެއް ބޭނުންވާކަމުގައި ވަނީނަމަ މުޢިއްޒު ކުރަންވީ ކަމަކީ އެއީ. އެހެން ނޫންނަމަ އަނެއްކާވެސް މި ސަރުކާރަށް ރައްޔިތުން ބޮޑު ތަނުން ނޫނެކޭ ބުނާނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ބައި-އިލެކްޝަން އިންތިހާބާއި އެމްޑީޕީ އިން ކުރިމަތިލީ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީ އަކާއެކު ނަމަވެސް އެ މާޔޫސްކަމުގެ ތެރޭގައި ނުކުމެ އެމްޑީޕީ އިން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވާ ކަމަށެވެ. އަދި މާލެ ސިޓީގެ މޭޔަރުކަމަށް އިންތިހާބުވެ ވަޑައިގެތް އާޒިމް އަކީ މާލޭގެ ރައްޔިތުން މާޔޫސް ކުރައްވާނެ ބޭފުޅެއް ނޫންކަމަށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް