އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކަށް 100 ދުވަސް ވެފައިވާއިރު، މި ހަމަލާތަކުގައި މިހާތަނަށް 23,700 މީހުން ވަނީ ޝަހީދުވެފައެވެ.
ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި 9,600 ކުޑަކުދިންނާއި 6,750 އަންހެނުން ހިމެނޭ ކަމަށެވެ.
ގާޒާގެ ރައްޔިތުންނާ މެދު ނާޖާއިޒު އަމަލުތަކެއް ހިންގަމުންދާކަމުގެ ތުހުމަތު އިޒްރޭލަށް ކޮށް، ދެކުނު އެފްރިކާއިން ވަނީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގައި މައްސަލައެއް ހުށަހަޅާފައެވެ.
ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލާގައި ބުނެފައި ވަނީ އިޒްރޭލުން 1948 ވަނަ އަހަރު ހޮލޮކޮސްޓްއަށް ފަހު އުފެއްދި ޖެނޯސައިޑް މުއާހަދާއާ ހިލާފުވެފައިވާ ކަމަށާއި އެ މުއާހަދާގައި އެފަދަ ޖަރީމާތައް ތަކުރާރުވިޔަ ނުދިނުމަށް ހުރިހާ ގައުމަކަށް ލާޒިމްކުރާ ކަމަށެވެ. އަދި ގާޒާގައި ގަތުލުއާންމުކުރުން ކަމަށް ބުނާ އަމަލުތައް ތަފްސީލުކޮށް 84 ސޮފްހާގެ ލިޔުމެއް ކޯޓަށް ހުށަހަޅާފައިވެއެވެ.
ޔަމަނުންވެސް ފަލަސްތީނުގެ ދިފާއުގައި މަސައްކަތް ކުރަމުން އަންނަ އިރު، ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ބުނަނީ ރަތް ކަނޑުގައި ވިޔަފާރި އުޅަނދުތަކާ ދެކޮޅަށް ހިންގާ ކަނޑުމަތީގެ ކެމްޕޭނުގެ މަގުސަދަކީ އިޒްރޭލުން ގާޒާއަށް އަމާޒުކޮށްދޭ ހަމަލާތަކުގެ ދަށުގައި ވާ ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އެ ޖަމާއަތުން ވަނީ އިޒްރޭލަށް ވެސް ޑްރޯން އާއި މިސައިލް ހަމަލާތައް ފޮނުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް