އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން އދ.މާމިގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
ބަނގުރާ ނައްތާލާފައިވަނީ މި ހިނގާ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު މާމިގިލި ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައެވެ.
ފުލުހުން ބުނީ ނައްތާލިތަކެތީގެ ތެރޭގައި ހިމެނެނީ ބަނގުރަލާއި ބިޔަރު ދަޅު ކަމަށެވެ. އެތަކެއްޗަކީ 11 ޖުލައި 2023 އިން ފެށިގެން 8 ޖަނަވަރީ 2024 ގެ ނިޔަލަށް، ވިލާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި، އެމް.އެން.ޑީ.އެފް އިން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި ބަނގުރަލުގެ ތިން މައްސަލައެއްގައި ހިމެނޭ ތަކެތި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 248 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 1738 ފުޅިބަނގުރަލާއި 557 ދަޅު ބިޔަރު ކަމަށެވެ. އަދި ފުލުހުންނަށް ހުށަހެޅި ތަހުގީގުކޮށްފައިވާ ބަނގުރަލުގެ 3 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 9 ފުޅިބަނގުރަލާއި ބިޔަރު ދަޅެއް ކަމަށެވެ.
ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް