މި ހިނގާ 2024 ވަނަ އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް ސްޓެލްކޯއިން ދެ ޖަނަރޭޓަރު ސެޓު ގެނެސްފިއެވެ.
މިކަން ހާމަކޮށް ސްޓެލްކޯއިން ބުނެފައިވަނީ މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށްޓަކައި، ގެނައުމަށް ހަމަޖެހިފައިވާ ޖެނަރޭޓަރު ސެޓްތަކުގެ ތެރެއިން 1.6 މެގަވޮޓްގެ ދެ ހައިސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރުސެޓް މިވަނީ ރާއްޖެގެނެވި ބެހެއްޓުމުގެ މަސައްކަތް ފެށިފައި ކަމަށާއި ޕީކް ސީޒަންގެ ކުރިން މީގެ އިތުރު 2 ޖެނަރޭޓަރު ސެޓާއެކު ޖުމްލަ 6.4 މެގަވޮޓް ސްޓެލްކޯގެ ޕަވަރ ޖަނަރޭޝަން ކެޕޭސިޓީއަށް އިތުރު ކުރެވި، ޕީކް ސީޒަންގައިވެސް ރައްޔިތުންނަށް މެދުނުކެނޑި 24 ގަޑި އިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަމާއި އެކު، މާލެ ސަރަހައްދުގެ ޕަވަރ ސެކިއުރިޓީ އިތުރުކުރެވިގެންދާނެ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެފައިވަނީ ސްޓެލްކޯ އަބަދުވެސް ދެމި އޮންނާނީ ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ކަމަށާއި ކުންފުނީގެ މެނޭޖްމަންޓާއި، މުވައްޒަފުންގެ އުއްމީދާއި، ރޫޙު އަބަދުވެސް ހުންނާނީ އެމަގަށް ކަމަށެވެ. އަދި އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ސްޓެލްކޯގެ މެނޭޖްމަންޓާއި، މުވައްޒަފުން ކުރަމުންގެންދާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.
"އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒަޢާމަތުގައި ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ޕަވަރ ޕްރޮޖެކްޓް، ސިކްސްތު ޕަވަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށައިގަނެވި، އިންޤިލާބީ ހެޔޮބަދަލެއް ރާއްޖޭގެ ކަރަންޓުގެ ސިނާއަތައް އަޅުގަނޑުމެން މި ވެރިކަމުގައި ގެންނާނަން" އޭނާ ވިދާޅުވެފައިވެއެވެ.
މި ވަގުތު މާލޭ ސަރަހައްދުގެ ކެޕޭސިޓީއަކީ 122 މެގަވޮޓެވެ. މި ވަގުތު މާލޭގައި ކަރަންޓު ބޭނުން ކުރަނީ ވެސް ގާތްގަނޑަކަށް އެ އަދަދަށެވެ. އެހެންވެ، މި ސަރަހައްދުގެ ކަރަންޓުގެ ހިދުމަތް ފުޅާކުރަން އިތުރު 100 މެގަވޮޓް ބޭނުންވާ ކަމަށް ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް