މާލެ ސިޓީގެ މޭޔަރުގެ ގޮނޑި ކާމިޔާބުކުރެއްވި އާޒިމް އަށް ރައީސް މަރުހަބާ ދަންނަވައިފި

މާލެ ސިޓީގެ މޭޔަރަކު ހޮވުމަށް އިއްޔެ ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކުރެއްވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް އާދަމް ޢާޒިމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ފޯނުން...

14 Jan 2024 | 07:04

މާލެ ސިޓީގެ މޭޔަރަކު ހޮވުމަށް އިއްޔެ ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކުރެއްވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް އާދަމް ޢާޒިމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ފޯނުން ގުޅުއްވައި، މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މާލެ ސިޓީ ކައުންސިލަށާއި އަދި މާލެ ސިޓީގެ މޭޔަރަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަމުގައި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވައިގެން މާލެ ސިޓީ ކައުންސިލުން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަތެވެ. އަދި ސަރުކާރުގެ މަސައްކަތްތަކުގައި މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނޭކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

މާލެ ސިޓީގެ މުނިސިޕަލް ހުރިހާކަމެއް ހިންގުމުގެ ބާރު މާލެ ސިޓީ ކައުންސިލަށް ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. ރިޔާސީ ދައުރުގެ ފުރަތަމަ 14 ހަފުތާގެ މަސައްކަތްތަކުގެ ތެރޭގައި ތާވަލުކުރައްވައިގެން، ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ޚިދުމަތެއް ދިނުން މާލެ ސިޓީ ކައުންސިލާ ޙަވާލުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށްޓަވާފައެވެ. އަދި މާލެ ސިޓީގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ބިޔަ މަޝްރޫޢެއް ސަރުކާރުން ފަށްޓަވައި އެ މަޝްރޫޢު ހަގީގަތަކަށް ހެދުމަށް ބޭނުންވާނެ މައިގަނޑު ވަސީލަތްތަކާއި ފައިސާގެ އެހީތެރިކަން ހޯދޭނެ ގޮތްތައް ސަރުކާރުން މިހާރުވަނީ ފަހިކުރައްވާފައެވެ. އަދި މާލޭގެ ހުރިހާ މަގުތައް އަލުން ހަދައި، ފެންހިންދާ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާނެ ފައިސާގެ އެހީ ޗައިނާއިން ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން އެ ޤައުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވަނީ ހޯއްދަވާފައެވެ.

މާލެ ސިޓީގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ މަޝްރޫޢުގެ ތެރޭގައި ހިމަނުއްވައިގެން، ގެދޮރު އިމާރާތްކުރުމާއި ފްލެޓް ގަތުމަށް ބޭނުންވާނެ ފައިސާ، ކުޑަ އިންޓަރެސްޓެއްގައި ލުއި ލޯނުގެ ގޮތުގައި ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރުދަނީ ކުރިއަށް ގެންދަވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް