އާސަންދައިގެ ޚިދުމަތް މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ.) އަދި ތައިލެންޑުން ވެސް އެ ޚިދުމަތް ލިބޭގޮތަށް ޚިދުމަތް ފުޅާކުރުމަށް ހަމަޖެހިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއިން ބޭރުން ޞިއްޙީ ޚިދުމަތް ހޯދުމުގައި ވަކި ޤައުމެއްގައި ހުންނަ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި މި ބަދަލާއެކު މިހާރަށްވުރެ ރަނގަޅު ފެންވަރުގެ ޚިދުމަތް ލިބުމަށް މަގުފަހިވެގެންދާނެކަމުގައެވެ. އެގޮތުން ޔޫ.އޭ.އީ. އަދި ތައިލެންޑަށް އާސަންދައިގެ ޚިދުމަތް ފުޅާކުރައްވާއިރު އެކަން ކުރައްވާނީ އެކޮމަޑޭޝަންގެ ޚަރަދުވެސް އާސަންދައިގެ ތެރެއިން ހަމަޖެހިގެންދާ ގޮތަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދު ވެވުނު އެއްބަސްވުންތަކަށް އިޝާރާތްކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިލިމާލޭގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް، ޗައިނާގެ ހިލޭ އެހީގެ ދަށުން އެޅުމަށް ނިންމަވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި 17 ރަށެއްގައި ހުރި ޞިއްޙީ މަރުކަޒުތަކަށް، ލެބޯރެޓަރީއަށް ބޭނުންވާ ހުރިހާ ފެސިލިޓީޒް، ޗައިނާގެ ހިލޭ އެހީގެ ދަށުން ދިނުމަށް ނިންމާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިމަހުގެ 7 އިން 13އަށް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް