ޗައިނާއިން ރާއްޖެއަށް 920 މިލިޔަން ޔުއާން ހިލޭ އެހީގެ ގޮތުގައި ދޭން ނިންމައިފި

ޗައިނާއިން ރާއްޖެއަށް 920 މިލިޔަން ޔުއާން (ގާތްގަޑަކަށް ދެ ބިލިޔަން ރުފިޔާ)ގެ ހިލޭއެހީ ދިނުމަށް ހަމަޖެހިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން...

14 Jan 2024 | 06:49

ޗައިނާއިން ރާއްޖެއަށް 920 މިލިޔަން ޔުއާން (ގާތްގަޑަކަށް ދެ ބިލިޔަން ރުފިޔާ)ގެ ހިލޭއެހީ ދިނުމަށް ހަމަޖެހިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު އިއްޔެ މާލެ ވަޑައިގެން އެއަރޕޯޓްގައި ހުންނަވައި މީޑިޔާއަށް މަޢުލޫމާތު ދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ހިލޭ އެހީގެ އެންމެ ބޮޑުބައެއް ޚަރަދުކުރަން ހަމަޖެހިފައިވަނީ މާލޭގެ މަގުތައް ހެދުމުގެ މަސައްކަތަށް ކަމުގައެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދު އެއްބަސްވުންތައް ޤާއިމުކުރެވުނު ކަންކަމުގެ ތަފްޞީލުތައް ދެއްވަމުން، ރަސްމާލޭގައި 30،000 ސޯޝަލް ހައުސިންގ ޔުނިޓް ޤާއިމުކުރުމުގެ އެއްބަސްވުމާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ދާދިފަހުން އިޢުލާންކުރި ޕްލޭނާ އެއްގޮތަށް ތަރައްޤީކުރުމުގެ އެއްބަސްވުމާއި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކޮމަރޝަލް ޑިސްޓްރިކްޓްގައި 7 ކޮމަރޝަލް ބިލްޑިންގ ހިމެނޭ ކޮމަރޝަލް ސްޕައިން ސަރަހައްދު ތަރައްޤީކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު ވީ އެއްބަސްވުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި ނޫންވެސް މި ދަތުރުފުޅުގައި ވެވުނު މުހިންމު އެއްބަސްވުންތަކުގެ ތަފްސީލުތައް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މީގެ އިތުރުން ޗައިނާއަށް ދައްކަންޖެހޭ އެކިއެކި ލޯނުތައް ދެއްކުމުގައި މިހާރު އޮތް ތާވަލަށް ލުއިތަކެއް ހޯދައިދިނުމަށް ދެޤައުމުގެ އެންމެ މަތީ ފަންތީގައި މަޝްވަރާކުރެވި އެކަމަށް ލުއި ގޮތްތަކެއް ހަމަޖެހިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިމަހުގެ 7 އިން 13އަށް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް