ކެންސަރުން ރައްކާތެރިވެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މުހިންމު ޓިޕްސްތަކެއް

އާ އަހަރަކީ، ސިއްހަތު ދުޅަހެޔޮކޮށް، ތަފާތު ކެންސަރުތަކަށް ހޭލުންތެރިވެ، ކެންސަރުން ދުރުވާން ބޭނުންވާ ފަރާތްތަކަށް އާ ފެށުމަކަށް ވެގެންދާނެއެވެ. ހާއްސަކޮށް ޖެނުއަރީ މަހަކީ ސަރވައިކަލް ކެންސަރަށް ހޭލުން...

14 Jan 2024 | 06:44

އާ އަހަރަކީ، ސިއްހަތު ދުޅަހެޔޮކޮށް، ތަފާތު ކެންސަރުތަކަށް ހޭލުންތެރިވެ، ކެންސަރުން ދުރުވާން ބޭނުންވާ ފަރާތްތަކަށް އާ ފެށުމަކަށް ވެގެންދާނެއެވެ. ހާއްސަކޮށް ޖެނުއަރީ މަހަކީ ސަރވައިކަލް ކެންސަރަށް ހޭލުންތެރިކުރުވުމުގެ މަހަކަށް ވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމާއި ހިތުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ކެންސަރު ޖެހެނީ ހަށިގަނޑުގެ ސެލްތައް ކޮންޓްރޯލް ނުކުރެވޭ ވަރަށް ބޮޑުވެ ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރި، އެ ސެލްތަކުން ޓިއުމަރު އުފައްދައި ނުވަތަ ކައިރީގައިވާ ޓިޝޫތަކާއި ގުނަވަންތަކަށް އަރައި ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވެ، ކެންސަރު ގެ ސެލްތައް ހަލުވިކަމާއެކު ބައިބައިވެ ހަށިގަނޑުގެ އާދައިގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ސަބަބުން ދިފާއީ ނިޒާމަށް އެސެލްތަކާ ހަރުދަނާ ގޮތެއްގައި ހަނގުރާމަ ކުރަން އުނދަގޫވުމުންނެވެ. ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ކޮލޮރެކްޓަލް ކެންސަރު ހިމެނެއެވެ.

އުރަމަތީގެ ކެންސަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ގިނައިން ފެތުރެމުންދާ ކެންސަރެކެވެ. ޗިޕްލޫންގެ ރޭޑިއޭޝަން އޮންކޮލޮޖިސްޓް ޑރ އަމޯލް ޕަވާރް ބުނީ ޖެނެޓިކް މިއުޓޭޝަންތަކާއި ތިމާވެށީގެ ނުފޫޒުތައް ހިމެނޭ ގޮތަށް ކެންސަރު އުފެދުމަށް މަގުފަހިވާ ގިނަ ކަންތައްތަކެއް ހުރި ނަމަވެސް، ކެންސަރުން ރައްކާތެރިވުމުގައި ދިރިއުޅުމުގެ ވައްޓަފާޅި އިހްތިޔާރުކުރުމުގެ ދައުރަށް ފަހުގެ ދިރާސާތަކުން އަލިއަޅުވާލާފައިވާ ކަމަށެވެ.

އާންމުކޮށް ކަސްރަތު ކުރުމާއި ބެލެންސްޑް ކާނާ އާއި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ނުރައްކާތެރި މާއްދާތަކުން ދުރުހެލިވުމުގެ އިތުރުން ސިއްހަތަށް ފައިދާހުރި އާދަތައް ގެންގުޅުމަކީ ވަކި ވައްތަރެއްގެ ކެންސަރު ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަކުރެވިދާނެ ކަމެކެވެ.

ޑރ އަމޯލް ބުނީ ކެންސަރު ބަލީގެ އާއިލީ ތާރީހެއް އޮންނަ މީހުން ކެންސަރުން ދުރުހެލިވުމަށްޓަކައި ވަކި ފިޔަވަޅުތަކެއް އަޅައިގެން އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ. ކެންސަރުން ރައްކާތެރިވެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މުހިންމު ކަންތައްތަކެއް ޑރ އަމޯލް ވަނީ އިލްތިމާސްކޮށްފައެވެ.

ރަނގަޅަށް ބެލެންސްޑް ޑައިޓެއް އިހްތިޔާރު ކުރުމަކީ ކެންސަރުން ރައްކާތެރިވުމަށް ވަރަށް ވަރުގަދަ މަގެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މޭވާ، ތަރުކާރީ އަދި ހޯލް ގްރެއިންސްއަކީ ކެންސަރަށް މަގުފަހިވާ މާއްދާތަކުން ރައްކާތެރިކޮށްދޭ އެންޓިއޮކްސިޑެންޓްސް އާއި ފައިޓޮކެމިކަލްސް އިން މުއްސަނދި ވެފައިވާ އެއްޗެކެވެ. މި ކާނާތަކުގެ ސަބަބުން މުޅި ސިއްހަތު ކުރިއެރުވުމުގެ އިތުރުން ކެންސަރާ ދެކޮޅަށް ހަށިގަނޑުގެ ގުދުރަތީ ދިފާއީ ނިޒާމުތައް ވެސް ވަރުގަދަކޮށްދެއެވެ. މީގެ އިތުރުން ކެންސަރާ ގުޅިފައިވާ އޮބެސިޓީ އިން ރައްކާތެރިވުމަށް އެންމެ އެކަށީގެންވާ ބަރުދަން ހިފަހައްޓަން ޖެހެއެވެ.

މީގެ އިތުރުން ގަވާއިދުން ޖިސްމާނީ ހަރަކާތްތަކަށް އިސްކަން ދިނުމަކީ ބައެއް ބާވަތްތަކުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭނެ ކަމެކެވެ. ކަސްރަތަކީ ދުޅަހެޔޮ ސިއްހަތެއްގައި ބަރުދަން ދެމެހެއްޓުމަށް އެހީތެރިވެދޭ ކަމެއްގެ އިތުރުން، އޭގެ ސަބަބުން ހޯމޯން ލެވެލް އާއި ދިފާއީ މަސައްކަތްތަކަށް ސީދާ އަސަރުކޮށް، ކެންސަރުގެ ނުރައްކާ ކުޑަކޮށްދޭ ކަމަށް ޑރ އަމޯލް ބުންޏެވެ.

މީގެ އިތުރުން ތިމާވެށީގެ ވިހަ މާއްދާތަކަށް ސަމާލުކަން ދިނުމަކީ ކެންސަރުން ރައްކާތެރިވުމަށް ވަރަށް މުހިންމު ކަމެކެވެ. ދުންފަތުގެ ދުމާއި، ވައި ތަޣައްޔަރުވުމާއި، ޕެސްޓިސައިޑާއި، ކެމިކަލް އެޑިޓިވްސް ފަދަ ނުރައްކާތެރި މާއްދާތަކުގެ އަސަރު އުފެއްދުންތަކުގައި މަދުކުރުމަކީ މުޅި ދުޅަހެޔޮކަމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ފުއްޕާމެއާއި އަނގައިގެ ކެންސަރަށް މަގުފަހިވާ ކަމެކެވެ. އަދި މަސްތުވާތަކެތީގެ ވަބާގެ ސަބަބުން ލިވާ ކެންސަރު ޖެހުމަށް މަގުފަހިވެގެން ދެއެވެ.

ކެންސަރު ޖެހުމުގެ ނުރައްކާ ދެނެގަތުމަށް ދުރާލާ ހެލްތް ޗެކްއަޕްތައް ހަދައި، ސިއްހަތުގެ ހާލަތު ދެނެގަތުން ވަރަށް މުހިންމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް