ފާރޓިލިޓީ ސަޕޯރޓް ކޮމިއުނިޓީގެ އައިވީއެފް ފަންޑްގެ ދަށުން އިތުރު ދެ ފަރާތަކަށް އިންޑިއާގެ އެސްޓާރ މެޑްސިޓީ ހޮސްޕިޓަލުން އައިވީއެފް ހެދުމުގެ ފުރުސަތު ދިނުމަށް އެސްޓާ މެޑްސިޓީއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެސްޓާރ މެޑްސިޓީ ގެ ފަރާތުން އެ ހޮސްޕިޓަލްގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރ ފަރްހާން ޔާސިރް އެވެ. އަދި ފާރޓިލިޓީ ސަޕޯރޓް ޖަމިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ ރީމާ ހުސެއިން އެވެ.
އައިވީއެފް ފަންޑަކީ، ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މާލީ ދަތިތަކާއި ހެދި އިންވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ގެ ޓްރީޓްމަންޓް ހެދުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް ހާއްސަކޮށްގެން މާލީ އެހީ ފޯރުކޮށްދިނުމަށްޓަކައި ކުރިޔަށްގެންދާ ފަންޑެކެވެ. މި ފަންޑްގެ އެހީގައި ކޮންމެ އަހަރަކުވެސް ދެމަފިރިއަކަށް އައިވީއެފް ހެދުމުގެ ފުރުސަތު އެޖަމިއްޔާއިން ދަނީ ދެމުންނެވެ އެގޮތުން އެފަންޑަށް މިހާތަނަށް ލިބިފައިވާ އެހީތަކާއިއެކު ފަސް ދެމަފިރިއަކަށް މިއަހަރު މި ފުރުސަތު ދެވޭނެކަމަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން ހާމަކުރެއެވެ.
އައިވީއެފް ފަންޑަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަހަރުގެ ޖޫންމަހާއި ހިސާބަށް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން އައިވީއެފް ފަންޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅާވެލިފައިވަނީ އުމުރުން 25 އަހަރު ފުރިފައިވާ އަދި މަދުވެގެން ދެ އަހަރުވަންދެން ކައިވެނިކޮށްގެން އުޅޭ ދިވެހި ދެމަފިރިންނަށެވެ. އަދި 25 އަހަރު ނުފުރޭނަމަ ހާއްސަ ހާލަތްތަކެއްގެ ދަށުން ސިއްޚީ ކަންކަމަށް ބަލައި އެ ފުރުސަތު އޮންނާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ. އެޕްލިކޭޝަން ފީގެ ގޮތުގައި 200 ރުފިޔާ ނަގާއިރު, ގުރުއަތުން ހޮވޭ ފަރާތަކަށް ފަންޑް އެވޯޑްކުރުމުގެ ކުރިން ރެކޯޑު ސާފުކުރެވިގެންދާނެ ކަމަށްވެސް ޖަމިއްޔާއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް