ވެރިކަމުން ފޭބީ ސާކް ސަމިޓަށް އައްޑޫގައި ޖެހި ގޮނޑިތައްވެސް ހިފައިގެން: ރައީސް ސޯލިހް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން ފައިބާވަޑައިގެންނެވީ ސާކްސަމިޓަށް އައްޑޫގައި ތަރައްޤީ ކުރި ސްޓޭޑިއަމްގެ ގޮނޑިތައް ވެސް ހިފައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވި...

14 Jan 2023 | 10:06

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން ފައިބާވަޑައިގެންނެވީ ސާކްސަމިޓަށް އައްޑޫގައި ތަރައްޤީ ކުރި ސްޓޭޑިއަމްގެ ގޮނޑިތައް ވެސް ހިފައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑޫ ސިޓީ އަށް ވަޑައިގެން ހިތަދޫގެ ދެކުނު ރައްޔިތުންނަށް ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ސަރުކާރުން އައްޑޫއަށް ކޮށްދިން ވަރުގެ ކަމެއް އެހެން ސަރުކާރަކުން ކޮށްފައެއް ނުވާ ކަމަށެވެ.

އަދި ކުރީގެ ބައެއް ސަރުކާރުތަކުން މަސައްކަތްތަކެއް ކުރެވޭތޯ ބެލި ކަމަށާއި އެހެންނަވެސް އެއިން ކޮންމެ ކަމެއް މިހާތަނަށް ކޮށްފައި ހުރީ ވަގުތީ ހައްލެއް ހޯދައިދިނުމަށް ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

މިގޮތުން، ސާކްސަމިޓާއި ދިމާކޮށްވެސް ކުރި ކަންތައްތައްކޮށްފައި ވެސް އެ ހުރީ ދާއިމީ ހައްލެއް ލިބޭ ގޮތަކަށް ނޫން ކަމަށާއި މަގުހެދުން ކަމުގައި ވިއަސް އެހެންކަންކަން ވިއަސް ކޮށްފައި ހުރީ ވަގުތީ ހައްލެއް ލިބޭގޮަތަށް ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

ހަމައެހެންމެ، ސާކްސަމިޓް ނިމިގެން ދިޔައިރު ރައީސް ނަޝީދުގެ ސަރުކާރުން ވެރިކަމުން ފައިބައިގެން ދިޔައީ އެތާހުރި ގޮޑިކޮޅާއި އެއްޗިހި ހިފައިގެން ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ރައީސް ޞާލިހް ވިދާޅުވީ މި ސަރުކާރުން އައްޑޫ ސިޓީއަށް ގެންނަމުންދާ ތަރައްޤީ އަކީ އެ ސިޓީން އުފުރާލައިގެން ގެންދެވޭނެ އެއްޗެއް ނޫންކަމުގައެވެ.

އައްޑޫ ސިޓީގައި ފެނާއި ނަރުދަމާގެ ދަނީ ޤާއިމް ކުރެވެމުން ކަމަށާއި، މަގުތަކާއި ބަނދަރުތައްވެސް އެ ސިޓީގައި ދަނީ ހަދަމުން ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

އަދި އެ ސިޓީގެ އެއަރ ޕޯޓާއި ޓުއަރިޒަމް ތަރައްޤީ ވަމުން އަންނަ ކަމަށާއި މިއީކީއެއްވެސް ވެރިކަމެއް ބަދަލުވެގެން މިތަނުން އުފުރާލައިގެން ގެންދެވޭނެ އެއްޗެއްސެއް ނޫން ކަމަށް ރައީސް ޞާލިހް ވިދާޅުވެފައި ވެއެވެ.

ރައީސް ވަނީ އައްޑޫ ސިޓީގެ ތަރައްޤީ އަށް ކުރަން ފަށާފައިވާ މަސައްކަތްތައް ނިންމުމަށްޓަކައި އެސިޓީގެ ރައްޔިތުންގެ ތާއީދު ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް