ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާތީ ހުޅުލޭގެ ބައެއް ސަރަހައްދުތައް ބަންދު ކުރަނީ

ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާތީ ހުޅުލޭގެ ބައެއް ސަރަހައްދުތައް ބަންދު ކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ. ރައީސް އޮފީހުން އިއްޔެ ވިދާޅުވީ...

14 Jan 2023 | 09:22

ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާތީ ހުޅުލޭގެ ބައެއް ސަރަހައްދުތައް ބަންދު ކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.

ރައީސް އޮފީހުން އިއްޔެ ވިދާޅުވީ ރައީސް ޞާލިހުގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން މާދަމާ މާދަމާ ހެނދުނުގެ ވަގުތެއްގައި މާލެ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އެމްއޭސީއެލް އިން މިއަދު ބުނީ އެ ދަތުރުފުޅާ ގުޅިގެން ހުޅުލޭގެ ފަޅާއި މަގުން ބައެއް މާދަމާ ބަންދުކުރާނެ ކަމަށެވެ.

އަދި ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ތިން ދުވަހުގެ ދަތުރުފުޅާ ގުޅިގެން ބަންދުކުރަން ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 9:00 އިން 11:00 އަށް ހުޅުލޭ ފަޅާއި މަގުން ބައެއް ކަމަށް އެމްއޭސީއެލުން ހާމަކުރެއެވެ.

މީގެ އިތުރުން 17 ޖެނުއަރީގެ ހެނދުނު 7:30 އިން ފެށިގެން 8:30 އާ ހަމައަށް އެ ސަރަހައްދުގެ މަގުތައް ވެސް ބަންދު ކުރާނެ ކަމަށާއި ބަންދު ކުރާނީ ހުޅުލޭ ކާގޯ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ މަގު ކަމަށް އެކުންފުނިން ހާމަކުރެއެވެ.

ރައީސް އޮފީހުން ވިދާޅުވީ ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާ އާއި ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތައް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

މީގެ އިތުރުން ވެސް މި ދަތުރުފުޅުގެ ހަވާސާގައި ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތައް ހަރުދަނާކުރުމަށާއި، ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހި ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބާއްވާ ބިޒްނަސް ފޯރަމްގައި ދެ ޤައުމުގެ ޗެމްބަރ އޮފް ކޮމަރސް އިން ބައިވެރިވުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް