އީރާނުގެ އެކި ސަރަހައްދުކަމަށް ވާރޭނުވެހި، ހަނަފަސްކަން އިތުރުވަމުން ދަނީ މަހްސާ އަމީނީގެ މަރާއި ގުޅިގެން ފެށި މުޒާހަރާތަކާއި ގުޅިގެން އަންހެނުން ބުރުގާ ނާޅާ އެޅުން އިތުރުވެފައިވާތީ ކަމަށް އެ ގައުމުގެ އިމާމަކު ބުނެފި އެވެ.
މިހެން ބުނީ އީރާންގެ ކަރާޖް ސިޓީގައި ހުންނަ އެ ގައުމުގެ ސުޕްރީމް ލީޑަރުގެ ރްޕްރެޒެންޓޭޓިވް ކަަމަށްވާ މުހައްމަދު މެހްދީ ހުސައިނީ ހަމަދާނީ އެވެ. އޭނާ އަކީ އެ ސިޓީގައި ހުކުރު ކުރުމުގެ ހުއްދަވެސް އޮންނަ މީހެކެވެ.
އެ އިމާމު ބުނީ އެގައުމަށް މިވަގުތު ޖެހިފައިވާ ވަބާ ގުޅިފައިވަނީ އަންހެނުން ބުރުގާ އެޅުމާއި ކަމަށެވެ. އަންހެނުން ބުރުގާ އެޅުމަކީ އިސްލާމް ދީނުގައި ވާޖިބެއް ކަމަށް ބުންޏެވެ.
ހުސައިނީ ބުނީ ބުރުގާ ނޭޅުން އާންމުވަމުން ގޮސް މިހާރު ޝޮޕިން މޯލްތަކާއި އާންމު ފިހާރަތަކަށް ވަންނަ އިރު އިސްލާމީ ގައުމެއް ވައްތަރު ނުޖަހާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އޭނާ ވަނީ ފިހާރަތަކުން ބުރުގާ ނާޅާ އަންހެނުންނަށް ހިދުމަތް ދިނުން ހުއްޓާލަން ގޮވާލައި އަންހެނުން އާންމު ތަންތަނުގައި ބުރުގާ އަޅަން މަޖުބޫރުކޮށް އޮތް އޮތުން ތަންފީޒު ކުރުން ހަރުކަށި ކުރުމަށް ގޮވާލާފައި އެވެ.
މީީގެ ކުރިން 2016 ވަނަ އަހަރުވެސް އެ ގައުމުގައި ފެނުގެ ދަތިކަމާއި ކުރިމަތިލާން ޖެހުނީ އަންހެނުން ބުރުގާ ނާޅާ އުޅުން އިތުރުވާތީ ކަމަށް އޭރު އިމާމަކު ބުނެފައިވެ އެވެ. އެފަހަރު އެހެން ބުނީ ބޮޑެތި ކޯރުތަކެއް ހިކެން ފެށުމުންނެވެ.
އީރާނަށް ވާރޭނުވި ހަނަފަސް ކަމާއި ކުރިމަތިވެފައި މިވަނީ 50 އަހަރު ފަހުންނެވެ. އެގައުމުގެ އާބާދީގެ ބޮޑު ބައެއް ފެނަށްޖެހި ދަނޑުވެރިކަމާއި އާންމުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ވަރަށްވެސް މިހާރު ފެން ލިބުން ދަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އީރާނުގައި އަންހެނުން ބުރުގާ ނޭޅުން އާންމުވާން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަހްސާގެ މަރާއި ގުޅިގެންނެވެ. އޭނާ މަރުވީ މަގުމަތީގައި ފެޝަން ބުރުގާ އަޅައިގެން ހައްޔަރު ކުރިތާ ދެ ގަޑިއިރު ނުވަނީސް ފިޓު ޖެހިގެން ފަރުވާ ދެމުންދަނިކޮށެވެ.
އެކަމާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް އަދިވެސް ނުހުއްޓާއިރު ދެކޮޅު މީހުން ބުނަމުންދަނީ މަހްސާ މަރުވީ ފުލުހުން ކުރި އަނިޔާތަކާއި ގުޅިގެން ކަމަށެވެ. އަދި އެމީހުން ދަނީ ބުރުގާ އެޅުން މަޖުބޫރު ކޮށްފައި އޮތް އޮޮތުން އިރާނުގައި އުވާލުމަށް ގޮވާލަމުންނެވެ.
މުޒާހަރާގައި ބައިވެރިވި އަންހެނުން ވަނީ ބުރުގާ ބާލައި އަންދައި، އިސްތަށިގަނޑު ބުރިކޮށްފައި އެވެ.
މި މުޒާހަރާތަކާއި ގުޅިގެން 11 ވަރަކަށް މީހުންނަށް މަރުގެ ހުކުމް އިއްވާފައިވާއިރު ބައެއް މީހުންނަށް ވަނީ ހުކުމް ތަންފީޒުކޮށްފައި އެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ހައްޔަރު ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް