އިދިކޮޅު ޕީޕީއެމްގެ ލީޑާޝިޕުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކެމްޕެއިން ކޮށްދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއަށް ތާއީދު ކުރައްވާ، އައްޑޫ ޝަރީފް މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.
އައްޑޫ ޝަރީފް މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ރައީސުންނަށް ތާއީދު ކުރާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެ ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންދާ ދަނޑިވަޅެއްގައެވެ.
ޝަރީފް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ޕީޕީއެމްގެ އިސް ލިޑަރޝިޕުން ޕީޕީއެމް ކުދިން ރައީސް ނަޝީދުގެ އިވެންޓުތަކަށް ފޮނުވާކަމަށެވެ.
އަދި ޕީޕީއެމް ލީޑަރ ޝިޕުން ރައީސް ނަޝީދަށް ކެމްޕެއިން ކޮށްދެނީ އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ބަލިކޮށްލުމުގެ ރޭވުމުގެ ދަށުންކަމަށެވެ.
މީގެ އިތުރުން މިކަމާމެދު އެމްޑީޕީގެ މެމްބަރުން ސަމާލުވާންޖެހޭކަމަށް އައްޑޫ ޝަރީފް ވިދާޅުވެފައި ވެއެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރު ވުމުގެ ގޮތުން އެމްޑީޕީން ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެއްކޮޅުން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ވާދަކުރައްވާ އިރު، އަނެއްކޮޅުން ވާދަކުރައްވަނީ އެމްޑީޕީގެ އިސް ލީޑަރު ރައީސް ޞާލިހެވެ.
މި ދެބޭފުޅުން ވެސް ފޯރިއާއެކު ކެމްޕެއިން ކުރައްވަމުން ގެންދާއިރު މިއީ ފަހުގެ ތާރީހެއްގައި އެމްޑީޕީގެ އެތެރޭގައި ބޭއްވޭ އެންމެ ވާދަވެރި އިންތިޚާބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް