އިންޑިއާގައި ކޮލެޖު ދަރިވަރަކު ރޭޕް ކުރުމަށް ފަހު ފިލި ފަސް މީހުންގެ ގޭންގެއް ވަރަށް ފަސޭހަ ކަމާއި އެކު ފުލުހުން ހޯދައިފި އެވެ.
މިހާދިސާ ހިނގީ ޓަމިލް ނާޑޫ ސްޓޭޓްގެ ކާންޗީޕޫރަމްގައި އެވެ. އެ އަންހެން ކުއްޖާ ރޭޕް ކުރީ، ރޭގަނޑު ފިރިހެން އެކުވެރިއަކާއި އެކު ކޮލެޖާއި މާ ދުރުނޫން ހިސާބެއްގައި ވާހަކަ ދައްކަން ތިއްބަ އެވެ.
އިއްޔެ ރޭ ހިނގި މި ހާދިސާގައި އެމީހުން ވަނީ ފިރިހެން އެކުވެރިޔާ ކަރުގައި ވަޅި ޖައްސައި އެކަކު އޭނާ ހިފަހައްޓައިގެން އަންހެން ކުއްޖާ ރޭޕް ކުރާ ތަން ދައްކާފައި އެވެ. އަދި އެއްބާރުލުން ނުދީފި ނަމަ އަންހެން ކުއްޖާ މަރާލާނެ ކަމަށް ބުނެފައިވެ އެވެ.
ރޭޕް ކުރުމަށް ފަހު އެމީހުން ދިޔުމުން އަންހެން ކުއްޖާ އާއިލާއާއި ހަމައަށް ދިޔައީ އެކުވެރިޔާގެ އެހީތެރިކަމާއި އެކު އެވެ. އަދި އެ ކުއްޖާއަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މިހާރު ދަނީ ފަރުވާ ދެމުންނެވެ.
މި މައްސަލައިގަ ފުލުހުންނަށް ގޭންގު ހޯދަން މާ ބުރަ މަސައްކަތެއް ކުރަން ނުޖެހުނަސް އެމީހުންނާއި ގުޅޭގޮތުން އަންހެން ކުއްޖާގެ ފަރާތުން ފުލުހުންނަށް ލިބުނީ ވަރަށް މަދު މައުލޫމާތެކެވެ. އެ އަންހެން ކުއްޖާ ފުލުހުންނަށް ދިން ބަޔާނުގައި ބުނީ ރޭގަނޑު އަލިކަން ނެތް ހިސާބަކަށް ގެންދިއުމުން އެއީ ކޮންބައެއްކަން ސިފަކޮށްދޭން ނޭނގޭ ކަމަށެވެ.
އެކަމަކު އޭގެ ތެރެއިން އެކަކު ވިމާލް ކިޔާ މީހަކަށް ގޮވި އަޑު އިވުނު ކަމަށެވެ. އެކުވެރި ފިރިހެން ކުއްޖާވެސް ބުނީ އޭނާއަށް އޭގެން އެއްވެސް މީހަކު ފެނިފައި ނުވާ ކަމަށާއި ބިރުން ހުރި ވަރުން އޭގެން މީހެއްގެ ނަން ބޭނުން ކުރާ އަޑުވެސް އިވުނުކަން ހަނދާން ނެތް ކަމަށެވެ.
ހަމައެކަނި އެ މައުލޫމާތުގެ އެހީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި އެ ކުއްޖާ ރޭޕް ކުރި ސަރަހައްދާއި އެންމެ ކައިރީގައި އޮންނަ ވިލެޖެއް ކަމަށްވާ ވިޕަދޫއަށް ގޮސް ފުލުހުން ވަނީ ވިމާލް ހައްޔަރު ކޮށްފައި އެވެ. އެއީ އަންހެން ކުއްޖާ ރޭޕް ކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެއް ޔަގީންވީ ފުލުހުން ފެނުމާއި އެކު އޭނާ ފިލަން މަސައްކަތް ކުރުމުންނެވެ.
ވިމާލްގެ އެހީގައި ޓަމިލް ނާޑޫ ފުލުހުން ވަނީ އަނެއް ހަތަރު މީހުން ދެނެގަނެ، އެމީހުންވެސް ހައްޔަރުކޮށްފައި އެވެ.
މި މަސައްލަައިގަ ފުލުހުން ހޯދި އަވަސް ކާމިޔާބު ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް