ސައުދީ އަރަބިއާ ޕްރޮފެޝަނަލް ލީގުގެ ދެ ކުލަބަކުން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
މާކާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މެސީ ހޯދުމަށް މަސައްކަތް ކުރާ ސައުދީގެ ދެ ކުލަބަކީ އަލް ހިލާން އާއި އަލް އިއްތިހާދެވެ.
މި ދެ ކުލަބުން ވެސް މެސީއަށް ޝައުގުވެރިވާކަމަށް ރިޕޯޓުކޮށްފައި ވާއިރު، އަލް ޚިލާލް އާއި އަލް އިއްތިހާދުން މެސީ ގެނައުމަށް މަސައްކަތް ކުރަމުން އަންނަނީ ކޮންމެ ސީޒަނަކަށް 306 މިލިއަން ޕައުންޑުގެ މުސާރައެއް ދޭ ގޮތަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މެސީ ޕީއެސްޖީއާއި އެކު ހަދާފައިވާ އެއްބަސްވުން މި އަހަރުގެ ޖުލައިމަހުގެ ނިޔަލަށް ހަމަވާއިރު، އެ ކުލަބުތަކުން އަންނަނީ އަންނަ ހޫނު މޫސުމާއި ދިމާކޮށް މެސީ އަށް ހުށައެޅުންތައް ހުށައެޅުމަށް ތައްޔާރުވަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް ޕީއެސްޖީން ބުނެފައިވަނީ މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މެސީ ޕީއެސްޖީއާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވި ނަމަވެސް އޭނާ އިތުރު ދެ އަހަރަށް ކުލަބުގައި މަޑުކުރާނޭ ކަމަށެވެ. އެގޮތުން މިހާރުވެސް މެސީގެ އެއްބަސްވުން އާކުރުމަށް މަޝްވަރާތައް ކުރިޔަށްދާއިރު، ދާދި އަވަހަށް ޕީއެސްޖީގެ އާ އެއްބަސްވުމުގައި މެސީ ސޮއިކުރާނެއެވެ.
ސައުދީ ކުލަބުތަކުން މެސީ ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނާއިރު، ދާދި ފަހުން އެ ލީގުގެ އަލް ނަޞްރުން ވަނީ މެސީއާއި އެންމެ ވާދަވެރި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި ހޯދާފައެވެ. ރޮނާލްޑޯ އެ ކުލަބަށް ސޮއިކުރީ އަހަރަކު 200 މިލިއަން ޕައުންޑް ލިބޭ މުސާރައަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް