ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގައި ހުޅުޖެހުމަށް ހިތްވަރު ލިބޭގޮތަށް ޓްވީޓް ކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި، ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ބަންދުން ދޫކޮށްލައިފިއެވެ.
އައްބާސްގެ ނަމުގައި އޮންނަ ޓްވިޓާ އެކައުންޓަކުން މިދިޔަ ޑިސެމްބަރުމަހުގެ 23 ވަނަ ދުވަހު ކުރި ޓްވީޓްގައި ބުނީ ފެބްރުއަރީ 8 ގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށްކަމަށެވެ. ނަމަވެސް އެކަމުގެ ބަދަލު ހިފިފައި ނުވާތީ އެކަން އިންޑިއާ އެމްބަސީން ފަށަން ފެންނަކަމަށެވެ.
އައްބާސްގެ މި ޓްވީޓާއި ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ އިންޒާރުދިން މައްސަލަ ސަރުކާރުން ސީރިއަސްކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބައްލަވާނެކަމަށް ވިދާޅުވެފައެވެ.
އެގޮތުން މިދިޔަ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހު ފުލުހުން އައްބާސް ހައްޔަރުކުރީ ޓެރަރިޒަމަށް ހިތްވަރު ދިންކަމުގެ ކުށުގެ ތުހުމަތުގައެވެ.
ނަމަވެސް އޭނާ ވަނީ އެ ޓްވީޓް ކުރި އެކައުންޓަކީ އޭނާގެ އެކައުންޓެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ޓެރަރިޒަމަށް ހިތްވަރު ދިންކަމުގެ ތުހުމަތުގައި އައްބާސް ހައްޔަރު ކުރުމަށްފަހު ދެ ފަހަރެއްގެ މަތިން ކޯޓުން އޭނާގެ ބަންދުގެ މުއްދަތު ހަތް ދުވަހަށް ޖަހާފައި ވެއެވެ.
ނަމަވެސް ތިންވަނަ ފަހަރު މުއްދަތު އިތުރު ނުކޮށް އޭނާ ދޫކޮށްލި ސަބަބެއް ފުލުހުން މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް