އެމްޑީޕީން ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ މުޙައްމަދު ރާޝިދަށް ތާއީދު ހޯދުމަށް ނައިބު ރައީސް ކޮމަންޑުއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނާއިބު ރައީސް ގެ އަރިހުގައި ޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ވަޒީރުން ވެސް ވަޑައިގަންނަވާގޮތަށް ވަނީ ނިންމާފައެވެ.
އެމަނިކުފާނާއި ޓީމު ކޮމްނަޑުއަށް ވަޑައިގަންނަވާނީ މާދަމާ ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.
ނައިބު ރައީސް ގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ފޯކައިދުއަށެވެ. އެއަށްފަހު މަރޮއްޓަށް ވަޑައިގެން، އެރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާގޮތަށް ނިންމާފައިވާ އިރު، ކޮމަންޑޫގައި މާދަމާ ރޭ ބާއްވާ ކެމްޕެއިން ޖަލްސާގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ނާއިބު ރައީސް ކޮމަންޑޫއަށް މާދަމާ ވަޑައިގަންނަވާ އިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް ވަނީ އެމްޑީޕީގެ ކެނޑިޑޭޓަށް ތާޢީދުކުރުމަށް ނިންމާފައެވެ. ނާއިބު ރައީސްއަކީ ވެސް ޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
ރާޝިދުގެ ކެމްޕެއިން ހަރަކާތް ފެއްޓެވުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިދިޔަ ހުކުރު ދުވަހު ވަނީ ކޮމަންޑޫއަށް ވަޑައިގެންފައެވެ. އަދި ދައުލަތުގެ ވަރަށް ގިނަ ވަޒީރުން ވެސް އަންނަނީ އެދާއިރާގައި ކެމްޕެއިނެއް ކުރައްވަމުންނެވެ.
މިއިންތިޚާބުގައި ވާދަކުރާ އެމްއެންޕީއާއި ޕީޕީއެމުން ވެސް ދަނީ އެބޭފުޅުންގެ އަމިއްލަ ސިޔާސަތާއެކު އިތުރު ޕާޓީއެއްގެ އެހީއައި ނުލައި އިންތިޚާބުގެ މަސައްކަތް ކުރަމުންނެވެ.
ކޮމަންޑޫ ދާއިރާގެ އިންތިޚާބާއި ގުޅިގެން ސަރުކާރުން ދަނީ އެދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވަމުންނެވެ.
އެގޮތުން މަތި ކޮމަންޑޫ-ކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް މިހާރުވަނީ ފަށާފައެވެ. އަދި މަރޮށީގެ ބަނދަރުގެ މަސައްކަތް ފެށުމާއި، ކޮމަންޑޫ ކައިރި ފަޅުރަށެއް ރިސޯޓް ތަރައްގީ ކުރުމަށް ދޫކުރުންފަދަ ކަންތައް ވެސް ހިމެނެއެވެ.
މީގެ އިތުރުން ކޮމަންޑޫގައި އައިސް ޕްލާންޓެއްގެ މަސައްކަތް ފެށުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް