ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާއެކު ދެ ކޮމަންޑޫ ގުޅާލުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ށ. މަތި ކޮމަންޑޫ ބިންހިއްކާ، އެ ހިއްކިބިމާއިއެކު ކޮމަންޑޫއާއި ލިންކަކުން ގުޅާލުމުގެ މަސައްކަތް މިއަދު ފަށްޓަވައިދެއްވީ އެކަމަށްޓަކައި ކޮމަންޑޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލްއެވެ.
ސަރުކާރުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން ކޮމަންޑޫގައި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތާއި 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫގައި ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށި ލުމާއި 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި ޖަހާނެއެވެ.
މީގެ އިތުރުން 112 މީޓަރުގެ ޖީއޯބޭގް ތޮށި މަތިކޮމަންޑޫގައި ޤާއިމްކޮށް، 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުމަށް ވެސް ވަނީ ނިންމާފައެވެ.
މި މަސައްކަތަކަށް ބޭނުންވާ ތިމާވެށީގެ ދިރާސާތަކާއި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓް ތައްޔާރުކުރާނެއެވެ. މި މަޝްރޫޢުއަށް ދައުލަތުގެ ބަޖެޓުން 249 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާއިރު މަސައްކަތް 730 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
އެމްޓީސީސީން ބުނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް މި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
ބިން ފުރިފައިވާ ކޮމަންޑުގައި ވަނީ މީގެ ކުރިން ވެސް ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެއް ހިންގާފައެވެ. ނަމަވެސް އެރަށަށް އެކި ފަހަރު މަތިން ރާޅުއަރައި ހިއްކާފައިވާ ސަރަޙައްދަށް ވަނީ ގެއްލުންވެފައެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކޮމަންޑޫގައި މިހާރު ޤާއިމްކޮށްފައިވާ ތޮށި މަރާމާތުކޮށް އެރަށުގެ ބިން ފުރިހަމަގޮތުގައި ބޭނުންކުރެވޭނެ ގޮތް ހެދޭނޭނީ އިތުރަށް ބިން ހިއްކައިގެން ކަމަށްވާތީ މަތި ކޮމަންޑުއިން ބައެއް ހިއްކައި ދެރަށް ގުޅާލުމަށް ސަރުކާރުން ނިންމީއެވެ.
އަންނަ މަހުގެ ފަސް ވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނިކޮށް ސަރުކާރުން މި މަޝްރޫޢުތައް ކުއްލިއަކަށް ހިންގާތީ އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިއީ އިންތިޚާބަށް ނުފޫޒް ފޯރުވުންކަމަށް އެފަރާތްތަކުން ބުނެއެވެ.
ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިއީ އިންތިޚާބަށް ނުފުޒް ފޯރުވުންކަމަށް އިދކޮޅުން ބުނިނަމަވެސް މިއީ ބާރު ސްޕީޑުގައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް