އިސްލާމީ ޢަޤީދާގެ މަތީގައި ދަރިން ތަރުބިޔަތު ކުރުން

އިސްލާމީ ޢަޤީދާގެ މަތީގައި ދަރިން ތަރުބިޔަތު ކުރުމަކީ އެކުދިންގެ ހިތްތަކުގައި ތައުޙީދުގެ ކަލިމަ (لااله الاالله) ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަން، މި ކަލިމައިގެ ހުރިހާ މާނަތަކާއި އެ މާނަތަކުން ދޭހަވ...

14 Jan 2022 | 09:43

އިސްލާމީ ޢަޤީދާގެ މަތީގައި ދަރިން ތަރުބިޔަތު ކުރުމަކީ އެކުދިންގެ ހިތްތަކުގައި ތައުޙީދުގެ ކަލިމަ (لااله الاالله) ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަން، މި ކަލިމައިގެ ހުރިހާ މާނަތަކާއި އެ މާނަތަކުން ދޭހަވާ އަދި ކުރަންޖެހޭ ކަންތައްތައް ކުއްޖާގެ ހިތުގައި ޝައްކުކަމެއް އޮތުމަކާ ނުލާ ހަރުކޮށް ދިނުމެވެ.

އަދި ﷲ ގެ ޙަޟްރަތަށް ލޯބިކުރުމަށް ކުއްޖާއަށް އުނގަންނައި ދިނުމެވެ. އެއީ އެކަލާނގެ ނަންފުޅުތަކާއ ސިފަފުޅުތަކުގެ މާނަ ދަސްކޮށްދީ އިންސާނުންނަށް ދެއްވި ނިޢުމަތްތައް ހަދާންކޮށް ދިނުމެވެ.

މި ތަރުބިޔަތު ދިނުމުގައި ﷲ ގެ ޢަޛާބާއި ކޯފާއާއި ނަރަކައިގެ ވާހަކައަށްވުރެ، އެކަލާނގެ އޯގާވަންތަކަމާއި، ކޮންމެ ވަގުތަކުވެސް އެކަލާނގެ އަޅުތަކުން ބުނާ ބަސްތަކާއި ކުރާކަންތައް އެކަލާނގެ ދެކެ ދެނެ ވޮޑިގެންވާކަން ވިސްނައި ދިނުމަށް އިސްކަން ދިނުމެވެ.

އިސްލާމީ ތަރުބިޔަތުދޭ މުރައްބީއަކު ނަމަ އެންމެ ޅަފަތުންސުރެ ފެށިގެންވެސް ކުއްޖާ އަޅުކަންތަކަށް ހާނުވަން ދަސްކޮށްދޭންވާނެއެވެ. ﷲ އަށް ކިޔަމަންތެރިވުމަށް ލޯބިކުރުމާއި، އެކަލާނގެ ނުރުއްސަވާ ކަންތަކަށް ނަފްރަތު ކުރަން އާދަކޮށްދޭންވާނެއެވެ. މި އާދަތަކަކީ ބޮޑުވަމުން އަންނައިރު ކުއްޖާއަށް ދަސްވެ ހަރުލާންޖެހޭ އާދަތަކެވެ. ކީރިތި ރަސޫލާ محمد صلى الله عليه وسلم ވަނީ ކުއްޖާ ބޮޑުވަމުން އަންނަ ދުވަސްވަރު މި ތަރުބިޔަތު ދިނުމަށް މައިން ބަފައިންނަށް ބާރުއަޅުއްވާފައެވެ.

އެއީ ބޮޑުވަމުން އަންނައިރު އެ ކުއްޖެއްގެ ޢުމުރާ ގުޅޭގޮތުން އެއްދުވަހުން އަނެއްދުވަހަށް ބޯލެނބުމުގެ އާދަ ހަރުލެއްވުމެވެ. ކީރިތި ރަސޫލާ محمد صلى الله عليه وسلم ޙަދީސްކުރައްވާފައިވެއެވެ.

قال رسول الله صلى الله عليه وسلم: مُروا أولادَكم بالصلاةِ وهم أبناءُ سَبعِ سنينَ، واضْرِبوهم عليها وهم أبناءُ عَشْرٍ،

މާނައީ: ތިޔަބައިމީހުންގެ ދަރިން ޢުމުރުން ހަތް އަހަރުގައި ނަމާދުކުރުމަށް އާދަކުރުވާށެވެ! އަދި ޢުމުރުން ދިހައަހަރުވާއިރު ނަމާދު ނުކުރާނަމަ ޖަހައިގެންވެސް ނަމާދު ކުރުވާށެވެ!

މި ޙަދީސްފުޅުގައި މިވަނީ އަނިޔާއަކަށް ވާގޮތަށް ކުދިންގެ ގައިގާ ޖަހާވާހަކައެއް ނޫނެވެ. ކީރިތި ނަބިއްޔާގެ އެހެން އެތައް ޙަދީސެއްގައި ދަރިންނަށް އޯގާތެރިވުމަށް އަންގަވައި އަނިޔާކުރުން މަނާކުރައްވާފައިވެއެވެ. ކުދިން ބޮޑެތިވަމުން އަންނަ ވަރަކަށް އިތުރު އަޅުކަންތައް ޢުމުރާ ގުޅޭގޮތުން ދަސްކޮށްދޭންޖެހޭކަން މިޙަދީސުން ދޭހަވެއެވެ. އޭގެ ތެރޭގައި ރޯދަ ހިފަން ދަސްކޮށް ދިނުމާއި އެހެން ކުދިންނާއެކު އިމާމުވެ ނަމާދުކުރަން ދަސްކޮށްދިނުން ހިމެނެއެވެ.

ދަރިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި އިސްލާމް ދީނުގެ ފަސް ރުކުން ހިމެނެއެވެ. ވުޟޫކުރާނެގޮތާއި، ނަމާދުކުރާނެގޮތާއި، މިސްކިތަށް ދިއުން އާދަކޮށްދިނުމާއި، މިސްކިތައްދާ ރަޙުމަތެރިކުދިންނާއެކު ނަމާދަށްދާން އާދަކޮށްދިނުން މީ ކުރަންޖެހޭ ކަންތައްތަކެވެ.

މާތް އަޚުލާޤާއި އޯގާތެރިކަމުގެ އޮށް ދަރިންގެ ހިތުގައި އިންދުމަކީ މައިންބަފައިން ކުރަންޖެހޭކަމެކެވެ. އަނިޔާވެރިކަމާއި ހަރުކަށިކަމުން ދުރުވާން ދަރިންނަށް ދަސްކޮށްދެވޭނީ ކުދިންގެ މައިންބަފައިންވެސް އެޢަމަލުތަކުން ދުރުހެލިވެގެންނެވެ. ދަރިންނަށް މައިންބަފައިންގެ ފަރާތުން އޯގާތެރިކަމާއި ލޯބި އިޙްސާސްވާންޖެހޭނެއެވެ. އަދި މައިން ބަފައިންނަކީ ކުދިންގެ ކުރިމަތީގައި ނަމޫނާއަކަށް ވާންޖެހޭނެއެވެ.

މައިންބަފައިންނަކީ ތެދުވެރި ބަޔަކު ކަމުގައި ފެންނަ ހިނދު އެކުދިން އެގޮތް ދަސްކުރާނެއެވެ. އަދި ނަކަލުކުރާނެއެވެ. ހަމަ އެގޮތައް ކުދިން ހެޔޮލަފާ ކަންތައް ކުރުމުން އެކަމަށް ތަޢުރީފުކޮށް ހިތްވަރުދޭންވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް