ތުރުކީގެ މަޝްޙޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޔިލްމާޒް ކެލިކް ކާރު އެކްސިޑެއްޓެއްގައި މަރުވެއްޖެ

ތުރުކީގެ މަޝްޙޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަހްމެޓް ޔިލްމާޒް ކެލިކް ކާރު އެސްސިޑެއްޓެއްގައި މަރުވެއްޖެއެވެ. އުމުރުން 27 އަހަރުގެ އަހުމަދު ޔިލްމާޒް ކެލިކް މަރުވިކަން ކަށަވަރުކޮށްދެމުން އޭނާގެ މިހާރުގެ ފުޓ...

14 Jan 2022 | 06:14

ތުރުކީގެ މަޝްޙޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަހްމެޓް ޔިލްމާޒް ކެލިކް ކާރު އެސްސިޑެއްޓެއްގައި މަރުވެއްޖެއެވެ.

އުމުރުން 27 އަހަރުގެ އަހުމަދު ޔިލްމާޒް ކެލިކް މަރުވިކަން ކަށަވަރުކޮށްދެމުން އޭނާގެ މިހާރުގެ ފުޓްބޯޅަ ކުލަބު ތުރުކީގެ ކޮނިޔަސްޕިއަ އެފްސީން އާންމުކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ކުލަބުގެ އިތުބާރު ޑިފެންޑަރ ކެލިކް ކާރު އެކްސިޑެއްޓެއްގައި މަރުވެއްޖެ ކަމަށާއި ކެލިކް މަރުވީ އޭނާ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލް ނުވެގެން ހިނގި އެކްސިޑެއްޓެއްގައި ކަމަށެވެ.

މީގެ އިތުރުން އެ ކުލަބުގެ ޓްވީޓުގައި ބުނެފައިވަނީ ކެލިކް އެ ކުލަބާއި ގުޅުނީ ތުރުކީގެ ގަލަތަސަރާއީ އިން 2021 ވަނަ އަހަރުގައި ކަމަށާއި ކުލަބާއި ގުޅުނު ދުވަހުން ފެށިގެން މަރުވުމާއި ހަމައަށްވެސް ކެލިކް އަކީ ކުލަބާއި ކުލަބުގެ ސަޕޯޓަރުންގެ ލޯބި އިންތިހާއަށް ހޯދާފައިވާ ކުޅުންތެރިއެއް ކަމަށެވެ. އެހެން ކަމުން ކުލަބާއި ކުލަބުގެ ސަޕޯޓަރުން ކެލިކްގެ މަރުގެ ހިތާމައިގައި ބައިވެރިވާ ކަމަށާއި އަދި އާއިލާއަށް ތައުޒިޔާ ކިޔާ ކަމަށްވެސް ކުލަބުގެ ޓްވީޓުގައި ބުނެފައިވެއެވެ.

ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމަށްވެސް ގިނަ އަދަދެއްގެ މެޗުތަކެއް ކުޅެދީފައިވާ ކެލިކްގެ މަރާއި ގުޅިގެން ތުރުކީގެ ސްޕޯޓްސް މިނިސްޓަރ މެހެޓް މުހައްރަމް ކަސަޕޮގްލޫ ވިދާޅުވީ ކެލިކްގެ މަރުގެ ޚަބަރު އެހީ ފުން ހިތާމައާއި އެކުގައި ކަމަށާއި ގެއްލިގެން އެ ދިޔައީ ތުރުކީ ފުޓްބޯޅައިގެ މުހިންމު ދަރިއެއް ކަމަށެވެ. އަދި ކެލިކްގެ މަރުގެ ހިތާމައިގައި މުޅި ތުރުކީގެ ފުޓްބޯޅަ އާއިލާތަކުން ބައިވެރިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަހުމެޓް ޔިލްމާޒް ކެލިކް އަކީ 2015 ވަނަ އަހަރުން ފެށިގެން 2017 ވަނައަހަރާއި ހަމައަށް ތުރުކީގެ ގައުމީޓީމުހައި ހިމެނިގެން ކުޅެފައިވާ ކުޅުންތެރިއެކެވެ. އެގޮތުން 2018 ވަނަ އަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވުމަށް ތުރުކީ ގައުމީޓީމާއި އެކު ގިނަ މެޗުތަކެއްވެސް އޭނާ ވަނީ އެކު ކުޅެފައެވެ. ކުލަބު ފެންވަރުގައިވެސް އޭނާ ވަނީ ތަގާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން 2017 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާއި ހަމައަށް ތުރުކީގެ ގަލަތަސަރާއީ އަށް ކުޅެ އެ ކުލަބާއި އެކު ތުރުކީ ސުޕަރ ލީގު ދެ ފަހަރެއްގެ މަތިން ހޯދާފައިވެއެވެ. މީގެ އިތުރުން ތުރުކީ ކަޕާއި، ތުރުކީ ސުޕަ ކަޕް ވެސް އެ ކުލަބާއި އެކު އޭނާ ވަނީ ހޯދާފައެވެ.

ގަލަތަސަރާއީގެ ކާމިޔާބީތަކަށް ފަހު 2021 ވަނަ އަހަރު ކެލިކް ބަދަލުވީ ތުރުކީގެ ސުޕަރ ލީގުގެ ކުލަބެއް ކަމުގައިވާ ކޮނިޔަސްޕިއަ އެފްސީ އަށެވެ. އެ ކުލަބަށް ވެސް އޭނާ ވަނީ މަރުވުމާއި ހަމައަށް 47 މެޗު ކުޅެދީފައެވެ.

އަހްމެޓް ޔިލްމާޒް ކެލިކްގެ މި ކުއްލި މަރުގެ ހިތާމައިގައި މުޅި ތުރުކީއާއި ތުރުކީގެ ފުޓްބޯޯޅަ އާއިލާތަކުން ދަނީ ބައިވެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް