ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ ދެ ގާޒީ އެއްގެ ސުލޫކީ މައްސަލަނީ

ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރާއި، ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދުގެ ސުލޫކީ މައްސަލަ އެއް ބަލަން ފަށައިފި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނެއްގަައި ބުނެފައިވަނީ ދ...

14 Jan 2021 | 14:48

ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރާއި، ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދުގެ ސުލޫކީ މައްސަލަ އެއް ބަލަން ފަށައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނެއްގަައި ބުނެފައިވަނީ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން ނިންމީ އިއްޔެ ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ކަމަށެވެ. އަދި އެ މައްސަލަ ބަލަން މިހާރު ތަހުގީގު ކޮމިޓީ އެކުލަވާލާފައިވާ ކަމަށެވެ.

ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދާއި ގުޅޭގޮތުން ބަލަމުން ދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ގަޟިއްޔާއެއްގައި ހިމެނޭ ހަސްމަކާއި ޝަރީއަތުން ބޭރުގައި ބަައްދަލުކޮށްފައިވާތީ އެވެ. ޖޭއެސްސީން ބުނީ ހުށަހަޅާފައިވާ މައްސަލައަށް ބަލާއިރު ގާޒީ މަރިޔަމް ވަނީ ހުކުމް ތަންފީޒު މައްސަލަތައް ބެލުމުގައި އަމަލުކުރާ އުސޫލުތަކާއި ކަނޑައެޅިގެން ހިލާފުވެފައި އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރާއި ގުޅޭގޮތުން ހުށަހަޅާފައިވަނީ ކޯޓުގައި ކުރިޔަށްދިޔަ ޝަރީއަތެއްގައި ގާނޫނީ ގޮތުން ދައްކަން ބޭނުންވާ ވާހަކައެއް ދެއްކުމުގެ ފުރުސަތު ދައުވާ ލިބޭ ފަރާތުގެ ގާނޫނީ ވަކީލުންނަށް ދީފައި ނުވާތީ އެވެ. އަދި ހަމަ އެ ގަޟިއްޔާގެ އެހެން އަޑުއެހުމެއްގައި ދައުވާ ލިބޭ ގާނޫނީ ވަކީލު ކުށްވެރިކުރާ ފަދަ ގޮތަކަށް ވާހަކަދައްކަވައި އެ ވަކީލުންނާއި މެދު ތައައްސުބެއް ވާކަން ހާމަވާފަދަ ގޮތަކަށް ގާޒީ ސަމީރު އަމަލުކޮށްފައިވާތީ ކަމަށް ބުނެ އެވެ.

މިފަދަ އެހެން މައްސަލައެއްވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެއީ އައްޑޫ ސިޓީ މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް ގާޒީ ގަޟިއްޔާއެއްގައި ގާނޫނީ ވަކީލަކު އައްޔަން ކުރުގެ ފުރުސަތު މީހަކަށް ނުދިން ކަމަށް ބުނެ ހުށަހެޅުނު މައްސަލައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް