ސިލްސިލާ ވާހަކަ: ޒާރާ - ފަސްދޮޅަސް ފަސްވަނަބައި

''ވަރަށް މިސްވޭ އިނގޭ ފަހަރިމަތިން.............. އިއްމަ މިކޮޅުގަ ބަހައްޓާފަ ދާންވީ ދޯ............. ފަހަރި މިހާރު ހުންނާނީ ވަރަށް އެކަނިވެފަ އެއްނު............. ވާހަކަދައްކަބަލަ........... އިއްމަ ކައިރ...

14 Jan 2021 | 11:52

''ވަރަށް މިސްވޭ އިނގޭ ފަހަރިމަތިން.............. އިއްމަ މިކޮޅުގަ ބަހައްޓާފަ ދާންވީ ދޯ............. ފަހަރި މިހާރު ހުންނާނީ ވަރަށް އެކަނިވެފަ އެއްނު............. ވާހަކަދައްކަބަލަ........... އިއްމަ ކައިރިއަކު ނޫނޭ މިހާރު މިހިރީ...........'' ފަހުދު ފޯނުގެ ސްޕީކަރާ އަނގަ ކައިރިކޮއްލަމުން ވައިއަޑުން ބުންޏެވެ.

''ފަހުދާ ވާހަކަދެއްކުމުގެ ޝައުގުވެރިކަމެއް އަހަރެންގެ ނެތް............ ބާއްވަނީ............'' ޒާރާގެ މޫޑު އިތުރަށް ގޯސްވީ ފަހުދު ވާހަކަ ފެށި ގޮތުންނެވެ.

''ފޯނު ނުބާއްވާތި......... ބާއްވައިފިއްޔާ ހުރިހާ ވާހަކައެއް އިއްމަ އަށް ކިޔާދޭނަން..............'' ފަހުދު ދިނީ އިންޒާރެކެވެ.

''ޒާރާ ހީކުރީ އާދިލް ހުރިހާ ވާހަކައެއް ފަހުދަށް ކިޔާދިނީ ކަމަށެވެ. ޒާރާ ވިސްނާލިއެވެ. އެކަން ޔަގީން ކުރެވެން އޮތް  ހަމައެކަނި ގޮތަކީ ފަހުދާ ވާހަކަ ދައްކުމެވެ. އެކަން އޮޅުންފިލުވަން މަސައްކަތް ކުރެވެން އޮތީ އެގޮތުންނެވެ.

''ކޮން ހުރިހާ ވާހަކައެއް.............'' ޒާރާ ހިތްވަރުކޮއްފައި އަހާލިއެވެ.

''ހެހެ........ ފަހަރި ހަނދާން ނެތުނީތަ............. އެކަމަކު އަހަރެން ހަނދާނެއް ނުނެތޭ.......... ކިހިނެތް ހަނދާން ނެތޭނީވެސް............... ހަމަ އަސްލުވެސް ވަރަށް މިސްވޭ ............ ތި ލޯބި ލޯބި ސޫރަ ދެކިލާހިތުން ކެތްވަނީކީ ނޫން................'' ފަހުދުގެ އަޑުގައިވަނީ އިޝްގީ ޖަޒުބާތެއް އެކުލެވިފައެވެ. ފަހުދުގެ ވާހަކައިގައި އެއްވެސް އޮއްޓަރެއް ނެތްކަމުގައި ޒާރާއަށް ގަބޫލު ކުރެވުނެވެ.

''އެހެންވީމަ ފޯނު ބާއްވަނީ........ އިތުރަށް ވަގުތު ބޭކާރު ކުރާކަށް ނެތިން............'' ޒާރާ ބޭނުންވީ ފަހުދުގެ ކިބައިން ސަލާމަތްވެވޭނެ ގޮތެކެވެ.

''ބާއްވާ........ އެކަމަކު ފަހަރި އެއްކަލަ ދުވަހު އަހަރެން ރޫމަށް އެކަނި އައި ހަނދާންވޭތަ......... އެދުވަހު ކަންތައް ވީގޮތް ހަނދާންވޭތަ.......... އިއްމަ އަށް އެނގޭނެތަ ފަހަރި އެގޮތަށް އަހަރެންގެ ރޫމަށް ވަތްކަން............. އެވެސް ގޭގައި އެއްވެސް މީހަކު ނެތިސް......... ހާދަ ލޯބިންނޭ އެދުވަހު ފަހަރި މަށަށް ބެލީ............. އިމްރާނަށް އެނގިއްޖެއްޔާ ވަރަށް ޖޭ ވާނެ ދޯ.............. ބަޓް ޔޫ އާ ރިއަލީ އެމޭޒިން ގާލް އިނގޭ..............'' ފަހުދު އާކޮއްދިނީ ތަންކޮޅެއް ކުރީގެ ހަނދާނެކެވެ. އެހެންކަމުން އާދިލްއާ ބެހޭ އެއްވެސް އެއްޗެއް ފަހުދަށް ނޭނގޭކަން ޒާރާއަށް ޔަގީންވުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ހިތަށް ލިބުނެވެ. ފަހުދު އެބުނާ ދުވަހު ޒާރާއާ ފަހުދާ ދެމެދު ހިނގަން ނުޖެހޭ އެއްވެސް ކަމެއް ހިނގާފައެއް ނޯންނާނެއެވެ. ފަހުދު އެބުނާ ބުނުމާމެދު ޒާރާ ކަންބޮޑުވެ ހާސްވާން ޖެހޭނީ އެ ދެމެދުގައި ކަމެއް ހިނގާފައި އޮތްނަމަ ތާއެވެ.

ޒާރާ ފޯން ބޭއްވިއެވެ. ފަހުދުގެ ހިތަށް އެކަމުން އުނދަގޫތަކެއް ލިބުނެވެ. އެވަރަށް ބުނީމަވެސް ފަރުވާލެއް ނުބަހައްޓާ ފޯނު ކަނޑާލީމާ ފަހުދަށް ރުޅި އާދެވުނެވެ. އޭނާއަކީ ކުރަން ކުރިމަތިލާ ކޮންމެ ކަމެއް ކާމިޔާބުކުރަން ބޭނުންވާ މީހެކެވެ. އެކަން މިއަދާއަހަމައަށް ވެފައި ވަނީވެސް އެހެންނެވެ. އަންހެން ކުއްޖަކަށް ހިތް ލެނބި، ފަހުދު ބޭނުންވާ ހިސާބަށް ނުދެވުނު ހަމައެކަނި ފަހަރަކީ މިއީ ކަމުގައި ފަހުދަށް ގަބޫލު ކުރެވުނެވެ. ފުރަތަމަ ޒާރާ ފެނުނު  ދުވަހުވެސް ފަހުދަށް ޒާރާ ކަމުގޮސްފިއެވެ. އެ ހަށިގަނޑުގައި ބީހިލުމަށް ހިތް އެދެން ފެށިއެވެ. އެ ރީތި ތުނިތުނި ހަށިގަނޑުން ލައްޒަތު ލިބުމަށް އެދެވެމުން ދިޔައީ އެއީ އިމްރާންގެ އަންހެނުންކަން އެނގިއެނގި ހުރެމެއެވެ.

ދުވަސް ވަމުން ދިޔަވަރަކަށް ފަހުދުގެ ހިތުގައި ޒާރާއަށް ދެވެމުން ދިޔަ  މަޤާމު އުފުލެމުން ދިޔައެވެ. ޒާރާގެ މަޑުމައިތުރު މިޒާޖާ ސާދާ ގޮތްގަނޑު ފަހުދަށް ކަމުދާންފެށިއެވެ. މީގެ ކުރިން އެހެން އެއްވެސް އަންހެން ކުއްޖަކާމެދު ނުދެކޭފަދަ ހާއްސަ ނަޒަރަކުން ޒާރާއާ މެދު ދެކެވެން ފެށުނީ އެ ސަބަބާހުރެއެވެ. ހަގީގަތަށް ބުނާކަމަށްވާނަމަ މީގެ ކުރިން އެހެން އެއްވެސް އަންހެން ކުއްޖަކަށް ދެވިފަނުވާފަދަ ހާއްސަ ޖާގައެއް ފަހުދުގެ ހިތުން ޒާރާއަށްޓަކައި ވަނީ ދެވިފައެވެ.  އެއީ ފަހުދުގެ އަމިއްލަ އިޚްތިޔާރުގައެއް ނޫނެވެ. އޭނާގެ ހިތުގައި ޒާރާގެ ރީތި ސޫރަ ބިންވަޅު ނެގުނީ އޭނާ ބޭނުން ވެގެނެއް ނޫނެވެ.

''އޭތް ............ ކޮބާ ..........'' ގާތުގައި ހުރި އިމްރާންގެ އަޑުން ފަހުދު ސިހުނެވެ. ޒާރާގެ ތަސްވީރުގެ ތެރެއަށް ޚިޔާލުތައް ދޫކޮއްލައިގެން ހުރެވުނީ ކިހާއިރަކުކަމެއް ފަހުދަކަށް ނޭގުނެވެ.

''ލަސްވެގެން މިއައީ.......... ކޮބާ ފޯނު.................'' އިމްރާން އެއައީ އޭނާގެ ފޯނު ބަލައެވެ.

''ކޮން ފޯނެއް...............'' ފަހުދު އަދިވެސް ހުރީ ހަމަ ހޭގައެއް ނޫން ކަހަލައެވެ. އޭނާ ޖީންސް ޖީބުގައި އަތް ކާއްތާލިއެވެ. އާއެކެވެ. ދެ ފޯނު އެބައޮތެވެ.

''ސޮރީ........... ޖީބަށްދޯ މި ލެވުނީ............. ނޭނގޭނު............ ފަހަރިގެ ވާހަކައިގަ ޖެހިގެން ވީނުވީއެއް ނޭނުނުވިއްޔަ................ އިއްމަ ވަރަށް ލަކީ އިނގޭ............... ދެން ބުނެބަލަ ކިހިނެތް ފަހަރި އަތުލައިގަތީ.............'' އިމްރާނު އަތަށް ފޯނު ދެމުން ފަހުދު ސުވާލު ކުރީ ސަމާސާ އަކަށް ހަދާފައި ނަމަވެސް އެއީ އޭނާ ކުރަން ބޭނުންވެފައިހުރި ސުވާލެކެވެ.

''ހެހެ............އެއީ ވަރަށް އެހެންކަހަލަ ގޮތަކަށް ދިމާވިކަމެއް................. އެރަށުގަ އުޅުނު އިރު މަށަށް ފެނުނީ ފަހަރި.......... ޕްރޮޕޯސްކުރީމަވެސް ރިޖެކްޓްކުރީ ކިތަންމެ ފަހަރަކު............ '' އިމްރާން އޭނާ ޒާރާއާ ފުރަތަމަ ދިމާވިގޮތް ކިޔާދިނެވެ.

''ދެން......... ތިހާ ރިޗްކަން އެނގޭއިރު ކީއްވެޔޯ ރިޖެކްޓްކުރީ........ދަގަކޮއްލަން ދޯ....... '' ފަހުދު ކުރީ ތަފާތު ސުވާލެކެވެ.

''ފަހުދަށް ހީވެދާނެ ހުރިހާވެސް އެއްޗަކީ ފައިސާ އާ މުއްސަނދިކަމޭ............ އެކަމަކު ބުނަން............ ޒާރާ އަކީ ތި ހީކުރާ ކަހަލަ ކުއްޖެއްނޫން............... އަހަރެންގެ މުއްސަނދިކަމާ ހުރިހާ ކަމެއް އެނގިހުރެ އޭނާ ރިޖެކްޓްކުރީވެސް............. އެންމެފަހުން މެރީ ކުރީވެސް ޒާރާގެ މަންމަ ފާޑަކަށް މަޖްބޫރުކޮއްގެން ........... މެރީ ކުރިފަހުންވެސް ދެތިންމަސް ވަންދެން އުޅުނު މަށާ ވާހަކަ ނުދައްކާވެސް...................... އެކަމަކު ﷲ ގެ ކުޅަދުންވަންތަކަން ދެކިބަލަ.............. މިހާރު އެ ހުރިހާކަމެއް ބަދަލުވެއްޖެ..............'' އިމްރާން ކުރުގޮތަތަކަށް އޭނާގެ މާޒީން ސަފުހާއެއް ފަހުދުގެ ކުރިމަތީގައި ހާމަކޮއްލިއެވެ. ފަހުދަކީ އޭނާއަށް ހެޔޮއެދޭ މީހެއްކެވެ. ބޭބެ އެކެވެ. ވީއިރު އެފަދަ ސިއްރެއް ފަހުދުގެ ކުރިމަތީގައި ހާމަކުރުމަކީ އޭނާއަށް އުނދަގޫ ކަމެއް ނޫނެވެ. އިމްރާނަށް ޔަގީންވާކަމަކީ ޒާރާ މިހާރު އޭނާ ދެކެ އިންތިހާއަށް ލޯބިވާކަމެވެ.

އިމްރާން ދެއްކި ވާހަކަތަކުން ފަހުދަށް މަޖުބޫރުވީ ޒާރާގެ ދިރިއުޅުމާމެދު އިތުރަށް ވިސްނާށެވެ. ފަހުދަށް ކުރިން އެނގިފައި ނުވާ އެއްޗެއް ޒާރާގެ ދިރިއުޅުމާ ބެހޭގޮތުން އެނގުމުން ތަފާތު ދިމާއަކަށް އޭނާގެ ވިސްނުން ދަތުރުކުރިއެވެ.

''އެހެންވިއްޔާ އެހެން ލޯބިވެރިޔަކު ހުރީ ދޯ އޭރު............... މިބުނީ އިއްމަ ޕްރޮޕޯސްކުރިއިރު..............'' ފަހުދު ބޭނުންވާ ހުރިހާ މައުލޫމާތެއް އިމްރާން ކިބައިން އޮޅުން ފިލުވަން މިއަށްވުރެ ވަކި ރަނގަޅު ފުރުސަތެއް ނުލިބޭނެކަން އޭނާއަށް އެނގެއެވެ.

''ނޭނގެ.............. އަހަރެން ނާހަން ޒާރާގެ މާޒީއާ ބެހޭ އެއްވެސް ސުވާލެއް........... އެކަހަލަ އެއްވެސް އެއްޗެއް ޒާރާ ނުވެސް ބުނޭ.................... ޒާރާ ލޯބިވާ އެހެން މީހަކު ހުރިކަން އެނގޭނަމަ އަހަރެން އެކަމަކާ ނޫޅުނީމުސް............ ޒާރާދެކެ ކިތަންމެ ލޯބި ވިޔަސް ގަދަކަމުން ލޯބި ހާސިލްކުރުން އެއީ ދުވަހަކުވެސް އހަރެން ކުރަން މަސައްކަތްކުރާނެ ކަމެއްނޫން............'' އިމްރާން ގެ އަޑުގައިވަނީ ޔަގީންކަމެވެ.

''އެހެން ނޫނަސް މެރީ ކޮއްގެން މި ހޭދަވީ ފަސްވަރަކަށް އަހަރު ޒާރާގެ ކިބައިން އެކަހަލަ ކަމަކަށް ޝައްކު ކުރެވޭ އެއްވެސް ކަމެއް ފެނިފައެއް ނުވޭ............... އަހަރެން ޒާރާގެ ލޯތްބަށް ޤަދަރުކުރަން.......... އެއީ ވަރަށް މާތް ، ހިތްހެޔޮ ރަނގަޅު ކުއްޖެއް............. ޒާރާ ފަދަ އަންބަކު އަހަންނަށް ލިބުމަކީ ﷲ އަހަންނަށް މިންވަރު ކުރެއްވި ނިއުމަތެއްކަމުގައި އަހަރެން ދެކެނީ......... ޝީ އިޒް މައި ލައިފް...... '' ޒާރާއަށް ތައުރީފް ކުރަމުންގޮސް އިމްރާން ޖަޒުބާތުގައިޖެހި އޮޔާދާން ފެށިއެވެ.

'' އައްދެ ............... އިމޯޝަނަލް ވީލެއް ހާދަ އަވަހޭ ދޯ.............. ތީ ކަން ނޭނގެ ފަހަރިވެސް އިއްމަ ދެކެ ލޯބިވާ ކަމަކީ........... ހެހެ.......... '' ފަހުދު ހިނިގަނޑެއް ޖަހާލިއެވެ.

ބޭސް ދޭ ގަޑި ޖެހުނީ ދޯ............. ހިނގާ އެތެރެއަށް ............. ޕްރެޝަރ ވެސް ބަލާލަން ވާނު.............. ރޭގަވެސް ކުޑަކޮށް މަތިކޮށް ހުރީ................. އަދި މިހެންބުނީ މަ މި ހަނދާންވީ............ އެކޮޅުން ވަރަށް ޕްރެޝަރ ކުރޭ އެބަ............ ހޮސްޕިޓަލުން........... މިހާރު ނުވަ ދުވަސް ވީނު ............. ދާން ޖެހޭނެ ކަންނޭނެ............... ވަރަށް ގިނަ ޑޮކްޓަރުން މިވަގުތު ޗުއްޓީގަ ތިބީމަ ވަރަށް ބާރުބޮޑުކޮށް ދަނީ................. މަށަށްވެސް ފަނަރަދުވަސް ދިނީވެސް އެވަރަށް ކިޔައިގެން.......'' ފަހަދު ބޭނުންވަނީ ވީހާވެސް އަވަހަކާ މާލެ ދާށެވެ.

''މިހާރު ބައްޕަ ވެސް ވަރަށް ބޮޑުތަން ރަނގަޅު ވެއްޖެ............ ދެން ފަހުދު ދާންވީނު އެހެންވީމަ ............. އަހަރެން އެކަނި މިހާރު މެނޭޖް ކުރެވޭނެ................ އަނެއްކޮޅުން ޒާރާގެ ދެމައިންނާ މަންމަވެސް ވަރަށް ހިތްހަމަޖެހޭނެ ފަހުދު ދިޔައިމަ.............'' އިމްރާން ދިން ޖަވާބުން ފަހުދުހިތް އުފަލުން ނަށާލިއެވެ.

----------------------------------------------------------------------

ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ 19 ޖަނަވަރީ ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް