ކަނޑު މަހަކީ ދިވެހީންގެ ލެޔާއި ގުޅިފައިވާ އަދި އެއާއި ނުލާ ނޫޅެވޭނެ އެއްޗެކެވެ. ޒަމާނުއްސުރެ ދިވެހީން ކަނޑުމަސް ކެއުމަށް އާދަވެފައިވެއެވެ. އެހެނީ ދިވެހިންގެ ލޭނާރަކީ ވެސް މަސްވެރިކަމެވެ.
އެހެންކަމުން ކޮންމެ ދުވަހަކުވެސް ކާމޭޒުމަތި ފަޅުފިލުވާލާ އެއް ބާވަތަކީ ކަނޑުމަހު ގަރުދިޔަ ނޫނީ ކަނޑު މަހު ރިހަ ނޫނީ އެހެންވެސް ކަނޑުމަސް ބޭނުންކޮށްގެން ތައްޔާރު ކޮށްފައި ހުންނަ ކޮންމެވެސް ބާވަތެއްގެ ކާއެއްޗަކުންނެވެ.
ކަން މިހެން ހުރިނަމަވެސް ކަނޑުމަސް ބޭނުން ކުރުމުގައި ސަމާލުކަން ދޭންޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތެވެ.
އެމެރިކާގެ ސްކްރިޕްސް އިންސްޓިޓިއުޓް އޮފް އޯޝަނޮގްރަފީ އިން ހެދި ދިރާސާ ރިޕޯޓެއްގައި ބުނާގޮތުން މާގިނައިން ކަނޑުމަސް ކެއުމުން އިންސާނުންގެ ހަށިގަނޑުގައިވާ ދިފާއީ ނިޒާމަށް ގެއްލުންވެއެވެ. އެހެނީ ކަނޑުމަހުގައި އިންސާނުންގެ ދިފާއީ ނިޒާމަށް ގެއްލުންދޭ ބާވަތުގެ ވިހަމާއްދާތަކެއް ކަނޑުމަހުގައި ހުރެއެވެ.
އަދި މި ދިރާސާ ރިޕޯޓުގައި ބުނޭފައިވާ ގޮތުގައި މަހުގެ ޓީޝޫތަކުގައިވާ ޕޮލިއުޓަންޓް އޮގަނިކް މާއްދާތަކަކީ ގިނައިން މަސްކާ ނަމަ އެކަމުގެ ނޭދެވޭ އަސަރު އިންސާނުންގެ ދިފާއީ ނިޒާމަށްކުރާނެ މާއްދާތަކެކެވެ.
އަދި މިފަދަ މާއްދާތައް ގިނައީ ޓޫނާއާއި މިޔަރާއި ހިބަރާއި ކަންނައްޔާއި އެނޫން ވެސް މާކަނޑުގައި އުޅޭ ބޮޑެތި މަސްތަކުގައި ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
ނަމަވެސް ފަރުމަހުގެ ގޮތުގައި ބަލާ މަސްތަކާއި ސީފުޑްގެ ގޮތުގައި ބަލާ މަސްތަކުގެ ޓިޝޫތަކުގައި މިމާއްދާތައް ވަރަށްކުޑަކަމަށް މި ދިރާސާ ބުނެ އެވެ.
މިދިރާސާ ބުނާ ގޮތުން މިމާއްދާތައް ހަރުލަނީ ކަނޑުމަހުގައިވާ ޕްރޮޓީނެއްކަމަށްވާ ޕީ. ޖީޕީ ގަ އެވެ. މިމާއްދާތައް އެންމެ ގިނައީ ކަނޑުތަކުގައިވާ ކެމިކަލްގެ ވިހަތަކުގެ އަސަރުތައް ބޮޑު ސަރަހައްދުތަކުގައި ދިރިއުޅޭ މަސްތަކުގައި ކަމަށް ވެސް މިދިރާސާ ބުނެ އެވެ.
މިދިރާސާ ކުރި ސައެންސްވެރިންގެ ޓީމުން ލަފާދީފައި ވަނީ ކޮންމެދުވަހެއްގެ ކެއުމުގެ ބައެއްކަމުގައި ކަނޑުމަސް ނުހެދުމަށާ ކަނޑުމަސް ކެއުމުގައި ކޮންޓްރޯލެއް ގެންގުޅުމަށެވެ.
ކޮންމެ ދުވަހެއްގެ ކެއުމުގެ ބައެއްކަމުގައި ކަނޑުމަސް ހަދާނަމަ މި ވިހަމާއްދާގެ ނޭދެވޭ އަސަރު އިންސާނުންގެ ދިފާއީ ނިޒާމަށްކޮށް ދިފާއީ ނިޒާމު ބަލިކަށިކޮށްލާނެ ކަމަށާއި ގާތުންކިރުދޭ އަންހެނުން ކޮންމެ ދުވަހަކު ކަނޑުމަސްކާނަމަ ބުއްދޭ ދަރިފުޅުގެ ދިފާއީ ނިޒާމު ބަލިކަށި ވުމަކީ އެކަށީގެންވާކަމެއް ކަމަށް ވެސް މިދިރާސާ ބުނެ އެވެ.
މިދިރާސާގައި ލަފާދީފައި ވަނީ ހަފްތާގެ އެކި ދުވަސްތަކަށް ބަހާލައިގެން ކަނޑުމަހާއި ފަރުމަހާއި ސީފުޑްގެ ބާވަތްތައް ބޭނުން ކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް