މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމުގަ މުޖުތަމައުގެ ބައިވެރިވުން އިތުރު ކުރުމަށް މަޝްވަރާ ކޮށްފި

މަސްތުވާތަކެތީގެ މައްސަލަތައް ޙައްލުކުރުމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ދައުލަތުގެ އ...

14 Jan 2021 | 10:03

މަސްތުވާތަކެތީގެ މައްސަލަތައް ޙައްލުކުރުމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކަށް މިއަދު ޒިޔާރަތްކުރައްވަން ފައްޓަވައިފިއެވެ.

ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު)ގެ 27ވަނަ މާއްދާގައި ނޭޝަނަލް ޑްރަގް އޭޖެންސީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި މުޖުތަމަޢުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ ހުރިހާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ.

އެގޮތުން ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކަށް މިނިސްޓަރ ޒިޔާރަތްކުރައްވަމުން ގެންދަވަނީ މި މަސައްކަތުގައި ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ ވެރިންނަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ޤަބޫލުކުރެވޭތީއާއި، ވަކިން ޚާއްޞަ ގޮތެއްގައި މި ކަމަށް މުވައްޒަފުން އަހުލުވެރިކުރުވުމުގައި ސީނިއަރ މެނޭޖްމަންޓުގެ ދައުރު އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

މިނިސްޓަރ މިއަދު ބައްދަލުކުރައްވައިފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް، އެލައިޑް އިންޝުއަރެންސް، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ސީނިއަރ މެނޭޖްމަންޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއެވެ.

މި ބައްދަލުކުރެއްވުމުގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި އެ ފަރާތްތަކުގެ އެއްބާރުލެއްވުން ބޭނުންވާކަން ފާހަގަކުރައްވައި، އެހީތެރިކަން ހޯދިދާނެ ދާއިރާތަކާ ގުޅޭގޮތުން މިނިސްޓަރ މަޝްވަރާކުރެއްވިއެވެ.

މި މަހުގެ ނިޔަލަށް ދައުލަތުގެ 15 އިދާރާ އަދި ކުންފުންޏަކާ ނޭޝަނަލް ޑްރަގް އޭޖެންސީން ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރެއިން ބައެއް ތަންތަނަށް މިނިސްޓަރ ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް