ސްޕެނިޝް ސުޕަރ ކަޕްގެ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފި އެވެ.
ބާސާ ފައިނަލަށް ދިޔައީ ރޭ ކުޅުނު މެޗުގައި ރެއާލް ސޮސޭދާދުގެ މައްޗަށް ކުރި ހޯދައިގެން ނެވެ.
ބާސާގެ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެޓީމު ވެސް ވަނީ 1-1ގެ ނަތީޖާއަކުނއެއްވަރު ވެފަ އެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު އިތުރުވަގުތުގައި ވެސް ނަތީޖާއެއް ގެނެވިފައި ނުވާތީ، މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެން ނެވެ. މި މެޗު ބާސާ އިން ކާމިޔާބު ކުރީ 3 ލަނޑު 2 ލަނޑުން ނެވެ.
ރޭގެ މެޗުގެ 39 ވަނަ މިނެޓުގައި ބާސާއިން ލީޑު ނެގީ، ފްރޭންކް ޑި ޔޮންގ ޖަހައިދިން ލަނޑުން ނެވެ. އެ ގޯލާއެކު ބާސާއިން ފުރަތަމަ ހާފް ނިންމާލި އިރު، ދެވަނަ ހާފްގެ ކުރީކޮޅުގައި ސޮސޭދާދުން ނަތީޖާ ހަމަކުރީ ލިބުނު ޕެނެލްޓީއަކުން މިކެލް އޮޔަރްޒަބަލް އެވެ.
މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނެލްޓީގައި ސޮސޭދާދުގެ ފުރަތަމަ ދެ ޕެނެލްޓީ ވަނީ ބާސާގެ ގޯލްކީޕަރު މާކް އެންދްރޭ ޓާ ސްޓެގެން މަތަކޮށްފަ އެވެ. އޭގެ ފައިދާ ބާސާއަށް ނެގިފައި ނުވަނީ ގްރީޒްމަންއާއި ޑި ޔޮންގްގެ ޕެނެލްޓީވެސް ނާކާމިޔާބު ކޮށްލުމުން ނެވެ.
ބާސާއަށް އެންމެ މުހިއްމު ޕެނެލްޓީ ކާމިޔާބުކޮށްދީ ފައިނަލް ޔަގީން ކޮށްދިނީ ރިކޭ ޕިއުގު އެވެ.
ފައިނަލްގައި ބާސާ ނުކުންނަން ޖެހޭނީ ރެއާލް މެޑްރިޑް ނޫނީ އެތުލެޓިކޯ ބިލްބާއޯއާ ދެކޮޅަށެވެ.
މިއަހަރު މުބާރާތުގެ ފައިނަލް ކުޅޭނީ އަންނަ ހަފްތާ އާދީއްތަ ދުވަހު އެވެ.
ސްޕެނިޝް ސުޕަރ ކަޕަކީ މިދިޔަ އަހަރު ފަށާފައިވާ ހަތަރު ޓީމުގެ މުބާރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް