މުވައްޒަފުން ކަރަންޓީން ވާން ޖެހި ގއ. ދެއްވަދޫ ސިއްހީ މަރުކަޒަާއި ބޭސްފިހާރައިގެ ގިނަ މަސައްކަތްތައް ހުއްޓުމަކަށް އަތުވެއްޖެ އެވެ.
ދެއްވަދޫގައި ކޯވިޑް ފެތުރެމުންދާއިރު އިއްޔެގެ ނިޔަލަށް 33 މީހަކު އެ ރަށުން ޕޮސިޓިވްވެފައިވެ އެވެ. އަދި މިއަދު އިތުރު ހަތަރު މީހުން ވަނީ ޕޮސިޓިވް ވެފައި އެވެ.
ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގު މީޑިއާގައި ވިދާޅުވީ މިއަދު ޕޮސިޓިވްވި ބައެއް މީހުންނާއި ގުޅުން ހުރި މީހުން ހޮސްޕިޓަލާއި ބޭސް ފިހާރައިގަ މަަސައްކަތް ކުރާ ކަމަށެވެ. އެމީހުން ކަރަންޓީނަށް ދާން ޖެހުމުން އެ ތަންތަނުގެ ހިދުމަތް ދިނުމަށް ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށް ވިދާޅުވި އެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ މިދިޔަ އާދިއްތަ ދުވަހު ވިދާޅުވީ ދެއްވަދޫ ސިއްހީ މަރުކަޒު މުވައްޒަފުންތަކެއް ކަރަންޓީނަށް ދާން ޖެހުމުން މަދުވާ މުވައްޒަފުން އެހެން ރަށްރަށުން ގެންދަމުންދާ ކަމަށެވެ. އެގޮތުން އެ ދުވަހުގެ ނިޔަލަށް ޑޮކްޓަރަކާއި ހެލްތްވޯކަރެއްގެ އިތުރުން ނަރުހަކު ގއ. ވިލިނގިލިން އެ ރަށަށް ފޮނުވާފާއިވާ ކަމަށެވެ.
ދެއްވަދޫގައި ކޯވިޑް ފެތުރެމުންދާކަން އެނގުނީ މިދިޔަ މަހު 24 ވަނަ ދުވަހު ކަރަންޓީނުން ދޫކޮށްލި ކުޑަކުއްޖަކު ކޯވިޑަށް ޕޮސިޓިވްވުމުން ގުޅުން ހުރި މީހުން ދެނެގަންނަން ރެންޑަމް ސާމްޕަލް ނަގަން ފެށުމުންނެވެ. އެޗްއީއޯސީން ފަހުން ބުނީ އެ ރަށުގައި ކޯވިޑް ފެތުރޭތާ ދުވަސްކޮޅެއް ވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.
ދެއްވަދޫގައި ކޯވިޑް 37 ކޭސް އޮތް އިރު އެ ކްލަސްޓާ އާއި ގުޅުން ހުރި ޕޮސިޓިވް ކޭސްތައް އިތުރު ހަތަރު ރަށެއްގައި އެބަހުއްޓެވެ. އެއީ ހުޅުމާލޭގައި ދެ މީހުން، ލ. ފޮނަދޫގައި ހަތަރު މީހުން، ގއ. ވިލިނގިލީގައި އެކަކު އަދި ދާންދޫގައި ދެމީހުންނެވެ.
މި އެންމެންނަކީ ދެއްވަދޫއަށް ދަތުރުކޮށްފައިވާ މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް