ވިކާސް އާންމު ކުރީ އަނުޝްކާ ދަރިފުޅުގެ ފައިގެ ފޮޓޯއެއް ނޫން!

ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޮއްލީ އާއި ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާގެ އަލަތު ދަރިފުޅުގެ ފޮޓޯއެއް ލިބޭނެ ވަގުތަކީ މިހާރު އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ހަބަރުތައް ގެނެސްދޭ ނޫސްތަކާއި ޓީޗ...

14 Jan 2021 | 07:27

ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޮއްލީ އާއި ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާގެ އަލަތު ދަރިފުޅުގެ ފޮޓޯއެއް ލިބޭނެ ވަގުތަކީ މިހާރު އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ހަބަރުތައް ގެނެސްދޭ ނޫސްތަކާއި ޓީޗީ ޗެނަލްތަކުން އެންމެ އިންތިޒާރު ކުރަމުން އަންނަ ވަގުތެވެ.

މިމަހުގެ 11 ވަނަ ދުވަހު އަންހެން ދަރިއަކު ލިބުމާއި އެކު ވިރާޓް އާއި އަނުޝްކާ ވަނީ އެކަން ރަސްމީކޮށް ހާމަކޮށްފައި އެވެ. އެކަމަކު ދަރިފުޅުގެ ފޮޓޯއެއް އާންމުކޮށްފައެއް ނުވެ އެވެ.

އަނުޝްކާ އާއި ވިރާޓް އަދި ދަރިފުޅުގެ ޕްރައިވެސީއަށް އިހުތިރާމް ކުރަން ވަނީ އެދިފައިވެއެވެ.

ފޮޓޯއަކަށް އިންތިޒާރުކޮށްކޮށް ތިއްބަ ވިރާޓްގެ އާއިލާގެ އެކި މެމްބަރުން ވަނީ އަލަށް އިތުރުވި އާއިލާގެ މެމްބަރަށް މަރުހަބާ ކިޔައި ސޯޝަލް މީޑިއާގައި ޝުއޫރު ފަޅު ކުރަން ފަށާފައި އެވެ. އެގޮތުން ވިރާޓްގެ ކޮއްކޮ ވިކާސް ކޮއްލީ ވަނީ ކުއްޖެއްގެ ފައި ރަޖާގަނޑުގެ ދަށުގަ އޮންނަ ފޮޓޯއެއް އާންމު ކުރުމަށް ފަހު އޭގައި މަރުހަބާ ޖަހާފައި އެވެ.

މި ފޮޓޯ އާންމު ކުރުމުން ނޫސްތަކުގައި ވަނީ އެއީ އަނުޝްއާ ލިބުނު ދަރިފުޅުގެ ފޮޓޯއެއް ކަމަށް ބަލައި ގިނަ ހަބަރުތަކެއް ޖަހާފައި އެވެ. އަދި ވިރާޓް އާއި އަނުޝްކާއަށް ނޫސްވެރިން ގުޅައި އިތުރު ފޮޓޯއެއް އާންމު ކޮށްދިނުމަށް އެދިފައިވާއިރު އަނުޝްކާ އެޑްމިޓްކޮށްފައި އޮތް ހޮސްޕިޓަލް ކައިރީގައި ޕަޕަރާޒީންގެ އުނދަގޫ ވަނީ ވަރަށް ބޮޑުވެފައި އެވެ.

އެހެންވެ ވިރާޓް ވަނީ ހޮސްޕިޓަލްގައި ސެކިއުރިޓީ ވަރުގަދަކޮށް އާއިލާ މެމްބަރުންނަށްވެސް އަނުޝްކާ އެޑްމިޓްކޮށްފައި އޮތް ކޮޓަރިއަށްވެސް ނުވަދެވޭގޮތަށް ހަދާފައި އެވެ. އަދި އަނުޝްކާއަށް މީހުން ގެންދާ ހަދިޔާ ބަލައިގަތުންވެސް ވިރާޓް ވަނީ މަނާކޮށްފައި އެވެ.

އަނުޝްކާ ވޭހާ ދަރިފުޅުގެ ފޮޓޯގެ ކަންތައް މާބޮޑުވުން އެންމެ ފަހުން ވިކާސްއަށް ޖެހުނީ ސޯޝަލް މީޑިއާގައި އޭނާ އާންމު ކުރި ކުޑަކުއްޖާގެ ފޮޓޯގެ ހަގީގަތް ހާމަކޮށްދޭށެވެ. ވިކާސް ބުނީ އެ އީ އަނުޝްކާ ވިހޭ ކުއްޖާގެ ފޮޓޯއެއް ނޫންކަމަށާއި އެއީ އޭނާ ގޫގުލްއިން ނެގި އާންމު ފޮޓޯއެއް ކަމަށެވެ.

މި ދެމީހުން ކައިވެނި ކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތައް އަހަރެއް ފަހުން 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިޓަލީގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް