ޗައިނާގެ މުދާ އިނގިރޭސިވިލާތަށް އެތެރެ ކުރުމުގެ ގާނޫނު ހަރުކަށި ކުރަނީ

އިނގިރޭސިވިލާތުން ޗައިނާގެ މުދާ އެތެރެ ކުރުމުގެ ގާނޫނު ހަރުކަށި ކުރަން ނިންމައިފިއެވެ. އެގައުމުން މިގޮތަށް ނިންމާފައިވަނީ ޗައިނާއިން އެގައުމުގެ ޝިންޖިއާން ޕްރޮވިންސްގައި އިންސާނީ ހައްގުތަކާއި ހިލާފަށް...

14 Jan 2021 | 06:39

އިނގިރޭސިވިލާތުން ޗައިނާގެ މުދާ އެތެރެ ކުރުމުގެ ގާނޫނު ހަރުކަށި ކުރަން ނިންމައިފިއެވެ.

އެގައުމުން މިގޮތަށް ނިންމާފައިވަނީ ޗައިނާއިން އެގައުމުގެ ޝިންޖިއާން ޕްރޮވިންސްގައި އިންސާނީ ހައްގުތަކާއި ހިލާފަށް ގަދަކަމުން މަސައްކަތް ކުރުވަމުން ގެންދާ ގެންދުމާއި ދެކޮޅަށް އެޅި ފިޔަވަޅެއްގެ ގޮތުގައެވެ. ޝިންޖިއާން އަކީ 12 މިލިއަން އުއިގުރ މުސްލިމުން ދިރިއުޅޭ ޕްރޮވިންސެކެވެ.

މީގެ އިތުރުން އިނގިރޭސި ވިލާތުން އެޅުމަށް ހަމަ ޖެހިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެގައުމުގެ 'މޮޑާން ސްލޭވަރީ އެކްޓް' ގެ ގާނޫނު ފުޅާކުރުމާއި ޗައިނާގެ ނޭއްގާނީ އަމަލުތައް ހިންގުމުގައި ބޭނުން ކުރެވޭނެ ތަކެއްޗާއި ޓެކްނޮލޮޖީ އެގައުމަށް އެކްސްޕޯޓު ކުރުން ކޮންޓްރޯލް ކުރުން ވަރުގަދަ ކުރުން ހިމެނެއެވެ.

އިނގިރޭސި ވިލާތުން ބުނެފައިވަނީ އުއިގުރ މުސްލިމުން ލައްވާ އަޅު މަސައްކަތް ކުރުވަމުން ގެންދާ ކަމުގެ ހެކި ލިބިފައިވާ ކަމަށާއި އުއިގުރ މުސްލިމުން ލައްވާ އުފައްދާ ތަކެތި އެގައުމަށް އެތެރެވަމުން ދާކަމަށް ވެދާނެކަމަށާއި އެކަމާއި ކަންބޮޑުވާކަމަށެވެ.

އުއިގުރ މުސްލިމުންނާއި ދޭތެރޭ އަމަލުކުރާގޮތުން ޗައިނާ ވަނީ ހޫނުފެނަށް ވެއްޓިފައެވެ. އދ އިން ވެސް ބުނެފައިވަނީ ޝިންޖިއާން ޕްރޮވިންސުގެ ކޭމްޕުތަކުގައި އެއް މިލިއަން އުއިގުރ މުސްލިމުން ބަންދުކޮށްގެން އަޅު މަސައްކަތް ކުރުމުން ގެންދާ ކަމުގެ މުއުތައްބަރު ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ.

ނަމަވެސް ޗައިނާއިން މިކަން ދޮގު ކުރެއެވެ. ޗައިނާއިން ބުނެފައިވަނީ މި ކޭމްޕުތަކަކީ ދީނީ ގޮތުން ހައްދުފަހަނަ އަޅައި ދިޔުން ހުއްޓުވުމުގެ ގޮތުން ވޮކޭޝަނަލް ތަމްރީނު ދިނުމަށް ގާއިމް ކޮށްފައިވާ ސެންޓަރު ތަކެއް ކަމަށެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް