ސައުދު ފައުންޑޭޝަނުން ގއ. ދެއްވަދޫއަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.
ކޯވިޑް-19 ފެތުރެމުންދާތީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ދެއްވަދޫ އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސް ރަށަށް އަރައި ފޭބުން މަނާކޮށްފައި އެވެ. ސައުދު ފައުންޑޭޝަނަކީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ފައުންޑޭޝަނެކެވެ.
އެ ފައުންޑޭޝަނުން ބުނީ ދެއްވަދޫ ރައްޔިތުންނަށް 200 ބޯފެން ކޭސް އަދި 200 ފުޅި ސެނެޓައިޒާ ހަދިޔާކޮށްފައިވާ ކަމަށެވެ. މި ތަކެތި ސައުދު ފައުންޑޭޝަނުން ހަވާލުކޮށްފައިވަނީ އެ އަތޮޅު ވިލިނގިއްޔާއި ކޮލަމާފުށީ ރައްޔިތުންގެ ނަމުގައި އެވެ
އެފައުންޑޭޝަނުން ބުނީ އެ ރަށްރަށުގެ ރައްޔިތުން އެދެނީ ދެއްވަދޫ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަމަށެވެ. އަދި ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ އެންމެންނަށް އަވަސް ޝިފާއަށް އެދިފައިވެ އެވެ.
https://twitter.com/SaudVillingili/status/1349557574769627136
ދެއްވަދޫ ކައުންސިލުން މީޑިއާގައި ބުނީ އެ ރަށަށް އެންމެ ބޭނުންވަނީ ބޯފެން ކަމަށެވެ. އެކަމަކު އެއީ ފެން ހުސްވެގެން ނޫން ކަމަށް ބުނެފައިވެ އެވެ. އަދި ހަފްތާއަކަށް ވާވަރަށް އެ ރަށުގެ ފިހާރަތަކުގައި ޒަރޫރީ ތަކެތި އެބަހުރި ކަމަށްވެސް ބުނެފައިވެ އެވެ.
ސައުދު ފައުންޑޭޝަނުގެ އިތުރުން ގދ. ތިނަދޫ އަމިއްލަ ޖަމިއްޔާތަކާއި ގއ. އަތޮޅު ކައުންސިލުން ވަނީ ދެއްވަދޫ ރައްޔިތުންނަށް ފެން ހަދިޔާ ކޮށްފައި އެވެ. އަދި އެމްޑަބްލިއުއެސްސީންވެސް ވަނީ އެ ރަށަށް ފެން ފޮނުވަދޭނެ ކަމުގެ ޔަގީންކަން ދީފައި އެވެ.
ދެއްވަދޫގައި މިވަގުތު 33 ކޯވިޑް އެކްޓިވް ކޭސް އެބަ ހުއްޓެވެ. އަދި އެ ކްލަސްޓާއި ގުޅޭ ޕޮސިޓިވް ކޭސްތައް ހަތަރު ރަށެއްގައި އެބަ ހުއްޓެވެ.
އޭގެ ތެރޭގައި ހުޅުމާލޭގައި ދެ މީހުން، ލ. ފޮނަދޫގައި ހަތަރު މީހުން، ގއ. ދާންދޫގައި ދެމީހުން އަދި އެ އަތޮޅު ވިލިނގިލީގައި ހުރި އެކަކު ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް