އައިއެމްސީޓީސީގައި ބައިވާން ސައުދީއަށްދާ ސިފައިންނާއި މިނިސްޓަރު ބައްދަލު ކުރައްވައިފި

އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ)ގެ ކައުންޓާ ޓެރަރިޒަމް ސެންޓަރުގައި ޙަރަކާތްތެރިވުމަށްޓަކައި ސައުދީ އަރަބިއްޔާއަށްދާ ދިވެހި ސިފައިންނާއި ޑިފެންސް މިނިސްޓަރު މާރިޔާ އަ...

14 Jan 2021 | 06:04

އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ)ގެ ކައުންޓާ ޓެރަރިޒަމް ސެންޓަރުގައި ޙަރަކާތްތެރިވުމަށްޓަކައި ސައުދީ އަރަބިއްޔާއަށްދާ ދިވެހި ސިފައިންނާއި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ބައްދަލުކުރައްވައިފިއެވެ.

އައިއެމްސީޓީސީ އަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި ސައުދީ އަރަބިއްޔާ އިސްވެ އޮވެ އިސްލާމީ ގައުމުތައް ގުޅިގެން އުފައްދާފައިވާ ކޯލިޝަނެކެވެ.

އެމްއެންޑީއެފުން ބުނީ ސައުދީގެ ރިޔާދުގައި ގާއިމްކޮށްފައިވާ އެ ސެންޓަރުގައި ދިވެހި ސިފައިން އެއް އަހަރު ދުވަހު މަސައްކަތް ކުރާނެ ކަމަށެވެ. މި ދަތުރުގައި  ބައިވެރިވަނީ ހަތަރު ސިފައިންނެވެ.

އެއީ ކާނަލް މުހައްމަދު މުހުތާރާއި، މޭޖާ މުހައްމަދު ސަމީރާއި، ކޮމާންޑް ސާޖަންޓް މޭޖާ އަހަމަދު އަބްދުﷲ އާއި ވޮރަންޓް އޮފިސަރު ގްރޭޑް 1 މިފްތާހް ޙުސައިނެވެ. މިޓީމުގައި އެންމެ އިސްކޮށް ހުންނަވާނީ ކާނަލް މުހައްމަދު މުހުތާރެވެ.

އެމްއެންޑީއެފުން ބުނީ ދަތުރުގައި ބައިވެރިވާ ސިފައިން ސައުދީ އަރަބިއްޔާގައި ތިބުމުގެ ހަރަދުތައް ހަމަޖައްސައިދެނީ ސައުދީ ސަރުކާރުން ކަމަށެވެ.

މި ބައްދަލުވުމުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެން.ސީ.ޓީ.ސީ)ގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި، ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ (ޑީ.އައި.ޑީ.ސީ)ގެ ޑެޕިޔުޓީ ޑިރެކްޓާ ޖެނެރަލް ކާނަލް ޢަބްދުލް މަތީން އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

އިސްލާމީ ގައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި 2015 ވަނަ އަހަރު އުފެއްދި މި ކޯލިޝަންގައި 41 ޤައުމަކުންވަނީ ބައިވެރިވެފައެވެ. މި ކޯލިޝަންގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިސްލާމީ ޤައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، މެމްބަރު ޤައުމުތަކުގެ މެދުގައި ޓެރަރިޒަމާ ގުޅުންހުރި މަޢުލޫމާތު ޙިއްސާކުރުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް