ބަންދުކުރަން ހައިކޯޓުން އަމުރު ކުރި ތިން މީހުން ހައްޔަރުކޮށްފި

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު ތޫނު ހަތިޔާރުން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު ބަންދުގައި ބަހައްޓަން ފުރަތަމަ ފަ...

14 Jan 2015 | 15:05

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު ތޫނު ހަތިޔާރުން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު ބަންދުގައި ބަހައްޓަން ފުރަތަމަ ފަހަރަށް ހައިކޯޓުން ކުރި އަމުރާ އެއްގޮތަށް އެ ތިން މީހުން ހައްޔަރުކޮށް ބަންދުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

މިމަހުގެ 12 ވަނަ ދުވަހު ހައި ކޯޓުން ނެރުނު އެ އަމުރާ ބެހޭގޮތުން ފުލުހުންނާ ސުވާލުކުރުމުން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެ ތިން މީހުން ހަމަ އެދުވަހު (12 ވަނަ ދުވަހު) ހައްޔަރުކޮށް ބަންދުކޮށްފައިވާކަމަށެވެ.

ހައިކޯޓުން ކުރި އަމުރުގައި ވަނީ ސ. ހިތަދޫ ސަންރީފް މުހައްމަދު މުއިއްޒު އާއި އެރަށު ބްލޫބާޑު ހޫދު ލަތީފްއާއި ހަމައެރަށު އިވްނިންގްނާޒް ނަޖާހު ޝަރީފު މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށެވެ.

ދައުލަތުން އެ ތިން މީހުންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ ހެއްކާއި ގަރީނާ ލިބިފައިނުވާ ކަމަށް ބުނެ އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރެވެން ނެތް ކަމަށް ހިތަދޫ ކޯޓުން ނިންމާފައިވަނިކޮށެވެ.

އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ގްރޫޕު ހަދައިގެން ތޫނު ހަތިޔާރުން މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތުގައި ކަމަށްވާއިރު، އެފަދަ ކުށްތަކުގައި ހައްޔަރު ކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ރިއާޔަތް ކުރަން ޖެހޭ ކަންތައްތައް ގާނޫނަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާ ކަމަށް ހައިކޯޓުގެ އަމުރުގައި ވެއެވެ.

ފުލުހުން ބުނެފައިވަނީ އެ ތިން މީހުންނަކީ 2014 ޑިސެމްބަރ 23 ވަނަ ދުވަހު 11:40 ހާއިރު ސ. ހިތަދޫ، ޢަބްދުﷲމަންޒިލްގޭ ކައިރީގައި ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 2014 ޑިސެމްބަރ 30 ވަނަ ދުވަހު ހައްޔަރުކޮށް، އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް 2014 ޑިސެމްބަރ 31 ވަނަ ދުވަހު ހިތަދޫ މެޖިސްޓްރޭތް ކޯޓަށް ޙާޟިރުކުރުމުން، އެ މީހުން ބަންދުގައި ބަހައްޓާނެ ތަނެއް ނެތްކަމަށް ނިންމައި ދޫކޮށްލާފައިވާ ތިން މީހުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް