ރާއްޖޭގައި ޖަޕާނުގެ އެމްބަސީއެއް ގާއިމް ކުރުމަށް އެގައުމުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާފައިވާކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މިކަން ހާމަކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
ރާއްޖޭގައި އެމްބަސީއެއް ގާއިމް ކުރުމަށް ޖަޕާނުން ނިންމީ މީގެ ތިން ދުވަސް ކުރިން ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެއެވެ. ޖަޕާނުން ނިންމާފައިވަނީ ރާއްޖެއާއި ސޮލޮމޮން އައިލެންޑްސް އާއި ބާބަޑޮސް އާއި ތަޒިކިސްތާނުގެ އިތުރުން ތުރުކަމަނިސްތާނާއި މޯލްޑޯވާގައި އެމްބަސީ ހުޅުވުމަށެވެ.
ރާއްޖޭގައި އެމްބަސީއެއް ގާއިމް ކުރުމަށް ޖަޕާނުން ނިންމާފައިވާއިރު ރައީސް ޔާމީން ވަނީ އެކަމަށް ޖަޕާނާއެކު ކުރިން މަޝްވަރާ ކުރައްވާފައެވެ.
އޭޕްރިލް މަހުގެ ތެރޭގައި ރައީސް ޔާމީން ޖަޕާނަށް ކުރައްވި ރަސްމީ ދަތުރުފުޅުގައި މިކަމާމެދު މަޝްވަރާކޮށްފައިވަނީ އެގައުމުގެ މިނިސްޓަ ފޯ އިންޓާނަލް އެފެއާޒް އެންޑް ކޮމިއުނިކޭޝަންސް، ޔޮޝިޓާކާ ޝިންޑޯއާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް