ބްރޫނާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ބްރޫނާއީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު ހާޖީ ސައިފުލްބަޙްރީ ބިން ހާޖީ މަންސޫރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް...

14 Jan 2015 | 07:22

ބްރޫނާއީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު ހާޖީ ސައިފުލްބަޙްރީ ބިން ހާޖީ މަންސޫރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ބްރޫނާއީގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ބްރޫނާއީއާ ދެޤައުމުގެ ދެމެދުގައި އޮތް ހަރުދަނާ ގުޅުން ފާހަގަކުރައްވައި، ބްރޫނާއީގެ އާ ސަފީރުގެ ދައުރުގައި، މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވި ކަމަށެވެ. އަދި، ރާއްޖޭގެ އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ އެކިއެކި މަޝްރޫޢުތަކާއި، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ، ބްރޫނާއީގެ ސަފީރަށް ދެއްވި ކަމަށެވެ.

ތިމާވެށި ރައްކާތެރި ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން ލިބެމުންދާ ގެއްލުންތަކުން ސަލާމަތްވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ، ބްރޫނާއީގެ ސަފީރާ ހިއްސާ ކުރެއްވި ކަމަށާއި އަދި، މިއީ ރާއްޖެއާއި ބްރޫނާއީ ފަދަ ކުދި ޤައުމުތަކުން، ބައިނަލްއަޤްވާމީ ދުނިޔޭގައި މިހާރަށްވުރެ ހަރަކާތްތެރިވާންވީ ވަގުތުކަމުގައި ވިދާޅުވެ، މިކަމުގައި އެއްޤައުމުން އަނެއް ޤައުމަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވި ކަމަށް އަދި، ބްރޫނާއީގެ އާ ސަފީރާއެކު މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައިސް އޮފީހުން އިތުރަށް ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ބްރުނާއީގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ބްރޫނާއީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުގެ މަޤާމުގައި ހުންނަވައިގެން ޚިދުމަތް ކުރެއްވުމަކީ، ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވި ކަމަށެވެ. އަދި، ރާއްޖެއާއި ބްރޫނާއީއަކީ ވަރަށް އެއްގޮތް ސިފަތަކެއް ލިބިފައިވާ ދެ ޤައުމުކަން ފާހަގަ ކުރައްވައި، ރާއްޖޭގެ ތަރައްޤީއަށް ބްރޫނާއީ ސަރުކާރުން އެހީތެރިވެދެވިދާނެ ދާއިރާތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރެއްވި ކަމަށެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް