މިދިޔަ އަހަރު ރާއްޖެ އަށް އިމްޕޯޓްކުރި މުދަލުގެ މިންވަރު އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 15 އިންސައްތަ އިތުރުވެ، އެކްސްޕޯޓްގެ މިންވަރު 12 އިންސައްތަ ދަށްވެފައިވާ ކަމަށް ކަސްޓަމސް ސާވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ކަސްޓަމްސް އިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބު ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެ އަށް 30.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު 2013 ގައި އެތެރެކޮށްފައިވަނީ 26.6 ބިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަ އަހަރު ރާއްޖެ އިން 2.24 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު އޭގެ ކުރީ އަހަރު 2.56 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައިވެ އެވެ.
މިދިޔަ އަހަރު 30.7 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އަށް އިމްޕޯޓް ކޮށްފައިވާއިރު އޭގެ ތެރެއިން 27 އިންސައްތައަކީ ތެލުގެ ބާވަތްތަކެވެ. އެގޮތުން ތެލުގެ ބާވަތްތަކަށް ވަނީ 8.3 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މީގެ އިތުރުން 6.0 ބިލިއަން ރުފިޔާގެ ކާބޯތަކެތި އަދި 4.8 ބިލިއަން ރުފިޔާގެ މެޝިނަރީ އާއި އިލެކްޓްރޯނިކްސްގެ ބާވަތްތައް މިދިޔަ އަހަރު އިމްޕޯޓުކޮށްފައިވެ އެވެ.
މިދިޔަ އަހަރު ރާއްޖެ އިން އެކްސްޕޯޓް ކުރި މިންވަރު ދަށްވި މައިގަނޑު ސަބަބެއް ކަމަށް ކަސްޓަމްސް އިން ބުނެފައިވަނީ ތައިލެންޑާއި އިރާނަށް އެކްސްޕޯޓް ކުރި މިންވަރު ދަށްވުމެވެ. އެއީ ރާއްޖެ އިން އެކްސްޕޯޓް ކުރާ ބޮޑެތި މާކެޓްތަކެވެ.
ކަސްޓަމްސް އިން ބުނީ މިދިޔަ އަހަރު އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި އެ އިދާރާ އަށް ލިބުނު އާމްދަނީ 2013 ވަނަ އަހަރާ ބަލާއިރު 22 އިންސައްތަ އިތުރު ކަމަށެވެ. އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީ ގެ ގޮތުގައި 2013 ގައި 1.61 ބިލިއަން ރުފިޔާ ކަސްޓަމަށް ލިބިފައިވާއިރު މިދިޔަ އަހަރު ވަނީ 1.96 ބިލިއަން ރުފިޔާ ލިބިފަ އެވެ. އިމްޕޯޓް ޑިއުޓީގެ ގޮތުގައި މިދިޔަ އަހަރު ލިބުނީ 1.92 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރު ކުރި ޖުމްލަ އިމްޕޯޓުގެ ހައެއް އިންސައްތަ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް